އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމުތަކެއް ހިންގަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ، މި ޕްރޮގްރާމުތައް މާދަމާއިން ފެށިގެން އަންނަ މަހު ދެވަނަ ދުވަހުގެ ނިޔަލަށް 12 އަތޮޅެއްގެ 36 ރަށުގައި ކުރިއަށްދާނެ ކަމަށެވެ. އެއީ، ހއ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ޅ.އަތޮޅާއި އދ. އަތޮޅާއި ފ. އަތޮޅާއި ތ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރަށް، އައްޑޫއާއި ފުވައްމުލައް ސިޓީގައެވެ.
އެ ޕްރޮގްރާމުގެ މަގުސަދަކީ، އިންތިޚާބީ ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމާއި ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބަށް ހޭލުންތެރި ކުރުމާއި ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމަށް ރައްޔިތުންނަށް މައުލޫތު ދިނުން ކަމަށް އީސީން ބުނެއެވެ.
އޭގެއިތުރަށް، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހިނގާ ގޮތާއި މަލްޓިޕާޓީ ސިސްޓަމާއި ރައްޔިތުންނަށް ލިބިދޭ ހައްގުތަކާއި ނިޒާމުގައި ހިމެނޭ މީހުން ނަގަން ޖެހޭ ޒިންމާތަކުގެ މައުލޫމާތު ވެސް އެ ޕްރޮގްރާމުގައި އީސީން ދިނުމަށް ވަނީ ނިންމާފައެވެ.
އީސީން ބުނީ، މި ޕްރޮގްރާމުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ އެކި އުމުރު ފުރައިގެ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ސެޝަންތަކުގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ޕޮރޮގްރާމުތައް ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮގުރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ 24 މީހުން ވަނީ، އީސީގެ ޓްރެއިނިން އޮފް ޓްރޭނާސް ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
އެއާއެކު، މި ޕްރޮގްރާމު އީސީން ހިންގަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ފުވައްމުލައް ސިޓީގައި ހުންނަ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ލާނިން ސެންޓަރު ބައިވެރިވެގެންނެވެ.








