ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމުމުން އައްޑޫ ސިޓީއަކީ ސަރަހައްދީ ހަބަކަށް ވެގެން ދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.
އިންޑިއާ ސަރުކާރުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ކްރެޑިޑް ފެސިލިޓީގެ ދަށުން ތަރައްގީކުރާ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮމެސްޓިކް ޓާމިނަލެއް އަޅާނެ އެވެ. އަދި އެކްސެސް ރޯޑެއް ހެދުމުގެ އިތުރުން ސަޕޯޓް އިންފްރާ ސްޓްރަކްޗާވެސް ހަދާނެ އެވެ.
800 މިލިއަން ޑޮލަރުގެ ތެރެއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ހަރަދު ކުރާނީ 17 މިލިއަން ޑޮލަރެވެ.
އެއާޕޯޓުގެ މަސައްކަތް ނިމުމުން އައްޑޫއާއި އިންޑިއާ އާއި ދެމެދު ސީދާ ދަތުރުތަކެއް ފަށާނެ ކަމަށް ހައި ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ގަން އެއާޕޯޓުގެ އިތުރުން އައްޑޫގެ މަގުތައް ހެދުމާއި ފުލުހުންގެ ޓްރެއިނިންގް ސްކޫލެއްވެސް އިންޑިއާއިން ދަނީ ތަރައްގީ ކުރަމުންނެވެ. މިކަންކަމުގެ އިތުރުން އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާކަން ވަނީ އިއުލާން ކޮށްފަ އެވެ.
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް އެޅުމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވިނަމަވެސް ސަރުކާރުގެ އިސް ބޭފުޅުން ދަނީ އެކަމަށް ވާގިވެރިވާ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. މިކަމާއި ދެކޮޅަށް "އިންޑިއާ އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ފަށާފައިވާއިރު އެ ކެމްޕެއިން ހުއްޓުވަން އިންޑިއާ ހައި ކޮމިޝަނުން މީގެ ކުރިން އެކި ގޮތްގޮތުން މަސައްކަތް ވެސް ކުރި އެވެ.
މައްސަލަ ހޫނުވެ އިންޑިއާގެ ނޫސްތަކުގައިވެސް ރާއްޖެއިން އިންޑިއާ ބޭރުކުރަން މަސައްކަތް ފަށާފައިވާކަމުގެ ހަބަރުތައް ވަނީ ގެނަސްދީފަ އެވެ.