ޕްރައިމަރީއަކާ ނުލައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ތިނަދޫ ސިޓީއަށް ވާދަކުރައްވަން ޓިކެޓް މުހައްމަދު އަޖީބަށް ލިބިއްޖެއެވެ.
ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ދެތިން މީހަކު ޕާޓީގެ ތެރެއިން ކުރިމަތިލާން ނިންމި ނަމަވެސް އެ މީހުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
ތައުލީމީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވަމުން ގެންދަވާ އަޖީބަކީ މިހާރު ވެސް އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލެވެ.
ކައުންސިލް އިންތިހާބަށް ޕީއެންސީން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕީއެންސީގެ އެތެރޭގެ އިންތިޚާބު މިއަދު ކުރިއަށް ދާއިރު ތިނަދޫ ސިޓީގައި ޕްރައިމަރީ ނުބާއްވަ އެވެ. އެޕާޓީން ބުނީ ޕްރައިމަރީއަކާ ނުލައި ގިނަ ފަރާތްތަކަށް ޕާޓީގެ ޓިކެޓު ލިބިފައިވާ ކަމަށެވެ. ޕްރައިމަރީ ނުބާއްވަނީ އެއް ކެންޑިޑޭޓުން ކުރިމަތިލި ދާއިރާތަކުންނެވެ.
ޕީއެންސީގެ ޓިކެޓު އަޖީބު ކަށަވަރު ކުރެއްވިއިރު އިދިކޮޅު ޕާޓީ އެމްޑީޕީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ނިންމަވާފައިވަނީ މިހާރުގެ މޭޔަރު ސައުދު އަލީ އާއި އަހުމަދު ނަސީރު(ހުސީ)އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންދަނީ އަންނަ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.








