ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށާއި އެމަސައްކަތަށްޓަކައި އެމްޑީޕީއަށް އާ އިއްތިހާދެއްގެ ބޭނުން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕުގައި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާއިއެކު ސިޔާސީ ގޮތުން ހުންނެވެން ނެތްކަަމަށާއި ރައީސް ޔާމީންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެކަމަށް ވިދާޅުވެފަ އެވެ.
މިވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކި މީހުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށް އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވެފައިވާކަމަށް ދެކިލައްވާ ކަަމަށް ނަޝީދު ވިދާޅުވި އެވެ.
"އެއީ އިންޑިއާ އައުޓު ނުގޮވާ ނަފުރަތުގެ ބިލަށް ތާއީދު ކުރާ، މިޔުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް"
- މަޖިލިސް ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޕީޕީއެމްއާއި އެމްޑީޕީގެ ގިނަ މެމްބަރުން ތިބޭނީ އެގޮތުގަ އެވެ. އަދި ރާއްޖެ އަފްގާނިސްތާނުގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުން ނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންގެ ބޮޑު ނެޓުވޯކެއް އުފެދި ހަނގުރާމަ މަތީ ޖަމާއަތެއް އުފެދިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ސަލާމަތީ ބާރުތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިވާހަކަތަކާއި ގުޅިގެން އެކަމާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް މިހާރުން މިހާރަށް ކުރުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން އިދިކޮޅުން އިއްޔެ ބުނީ ނަޝީދާއި އެމްޑީޕީއާއެކު މަސައްކަތް ކުރުމުގެ ވިސްނުން އެ ކޯލިޝަންގެ ނެތްކަމަށެވެ. އަދި އެޝައުގުވެރިކަން ރައީސް ޔާމީންގެ ހުންނަވާނެކަމަށް ގަބޫލު ނުކުރެވޭކަމަށް އިދިކޮޅުން ބުންޏެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައިވެސް ހަރުކަށި ފިކުރުގެ މީހުން ތިބިކަމަށް ބެލެވޭ ކަމަށާއި ރައީސް ސޯލިހު ހުންނެވީ އޭގެ ތެރޭގައި ތާށިވެފައި ކަމަށެވެ. ވަކި ބައެއްގެ ނަން ނަޝީދު ވިދާޅެއް ނުވެ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސާއި މައްސަލައެއް ޖެހިވަޑައިނުގަންނަވާ ކަމަށާއި އެހެންނަމަވެސް ފިކުރީ ތަފާތުތަކެއް ހުރިކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.