ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް, ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ ޓާމިނަލް 1 އިން މިހާރު ދަނީ 41 އެއާލައިނަކަށް ހިދުމަތް ދެމުން ކަމަށާއި އަދި މިހާތަނަށް 600,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން ހިންގާ ވީއައިއޭގެ ޓާމިނަލް ރަސްމީކޮށް ހުޅުވީ ތާރީހީ ކުލަގަދަ ހަފުލާ އަކާއެކު މިދިޔަ ޖުލައި 26 ގަ އެވެ.
އާ ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ އަހަރެއްގެ މައްޗަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
އިއްޔެ ބޭއްވި ހާއްސަ ހަފުލާގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, ޓާމިނަލް 1 ހުޅުވުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ގައުމަށާއި އެމްއޭސީއެލްއަށް ކޮށްދިން ކަމެއް ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ފަހުރުވެރިވާ ކަމަށެވެ.
މީގެއިތުރުން މުވައްޒަފުންގެ އަމާޒަކަށްވާންވީ ގުޅިގެން މަސައްކަތްކޮށް، ކުންފުނި އާ އުސްމިންތަކަކަށް ގެންގޮސް މި އަހަރަށްވުރެ ކާމިޔާބު އަހަރަކަށް އަންނަ އަހަރު ހެދުމަށް ކަމަށް ވިދާޅުވި އެވެ.








