ކައުންސިލް އިންތިޚާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އޮންނާނީ އޭޕްރީލް މަހުއެވެ.
ރަޖިސްޓަރީވުމުގެ ފުރުޞަތު އަންނަ މަހުގެ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 23ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން 1414 އަށް ގުޅައިގެން ރަޖިސްޓަރީކުރަން ޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓަރީ ކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު ނަމަ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އާ ހަމައަށް މި ޚިދުމަތް ލިބޭނެއެވެ.








