އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު މިހާރުގެ މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އަދި ތިނަދޫ ސިޓީގެ ޓިކެޓު ސައުދު އަލީ ކާމިޔާބު ކުރައްވައިފި އެވެ.
އާދަމް އާޒިމާއެކު ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. ސައުދު އަލީއާއެކު ވާދަކުރެއްވީ އަހުމަދު ނަސީރެވެ.
ޖުމްލަ 154 ކެންޑިޑޭޓުން ވާދަކުރި މިއަދުގެ ޕްރައިމަރީގައި ފަސް ހާހަށްވުރެ ގިނަ މީހުން މާލޭގެ ދާއިރާތަކަށް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ. އަދި 17 ފޮއްޓެއް މާލޭގެ ދާއިރާތަކަށް ޚާއްސަކޮށް ބަހައްޓައިފައިވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް 4 ގަ އެވެ.
މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނެ އެވެ.








