ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ދޯސްތީ" ތަމްރީނުތަކުގެ 17 ވަނަ އެޑިޝަންގެ ދަށުން، ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.
މިތަމްރީންތައް މާލެ ކައިރީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޑިފެންސް މިނިސްޓްރީން ކުރި އިޢުލާނެއްގައިވާ ގޮތުން، މި ތަމްރީނުގެ ބައެއް މާދަމާ ހެނދުނު 06:00 އިން ހަވީރު 17:30 އަށް، އުތުރުތިލަފަޅުގެ ހުޅަނގުން 2 ނޯޓިކަލް މޭލު ބޭރުގައި ވެސް ކުރިއަށް ގެންދާނެއެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ އުތުރު ތިލަފަޅުގެ ހުޅަނގުން 02 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 500 މީޓަރެވެ.
އެކްސްގައި އެމްއެންޑީއެފް އިން ހިއްސާކުރި މަޢުލޫމާތުތަކުގައިވާ ގޮތުން، "ދޯސްތީ-17" ތަމްރީނުތަކަށް ބޭރުގެ ކަނޑުގެ ސަލާމަތީ ބާރުތައް އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދުތައް ކަމަށްވާ އައި.ސީ.ޖީ ޑޯނިއާ، އައި.ސީ.ޖީ.އެސް އަތުލްޔާ، އަދި އައި.ސީ.ޖީ.އެސް ވަޖްރާ ރާއްޖެ އައިސްފައިވާއިރު، ސްރީލަންކާ ކޯސްޓްގާޑުގެ އުޅަނދު އެސް.އެލް.އެން.އެސް ސުރަނިމިލާ ވެސް ވަނީ ރާއްޖެ އައިސްފައެވެ. މި ވަފުދުތަކުގެ އިސްވެރިން ކަމަށްވާ ސްރީލަންކާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް ރިއަރ އެޑްމިރަލް ރޯހަން ޖޯސެފް އަދި އިންޑިއާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް ޕަރަމޭޝް ސިވަމަނީއަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ކޮމަަންޑަންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.
މިއީ "ދޯސްތީ" އޮނިގަނޑުގެ ދަށުން ތިން ގައުމުގެ ކަނޑުގެ ސަލާމަތީ ބާރުތައް ގުޅިގެން ހިންގާ އަސްކަރީ ތަމްރީނެކެވެ. މި ތަމްރީނުތަކުގެ މަގްސަދަކީ ކަނޑުގެ ސަލާމަތީ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާއި، އެކުގައި މަސައްކަތް ކުރުމުގެ ގާބިލުކަން ތަރައްގީކުރުމެވެ. މީގެ ތެރޭގައި ކަނޑުމަތީގައި މީހުން ސަލާމަތްކުރުމާއި، ގާނޫނު ތަންފީޒުކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދިމާވާ ގުދުރަތީ ކާރިސާތަކަށް އިޖާބަދިނުން ހިމެނެއެވެ.
1991 ވަނަ އަހަރު ރާއްޖެއާއި އިންޑިއާގެ ކޯސްޓްގާޑުގެ މެދުގައި ފެށުނު މި ތަމްރީނުތަކުގައި ސްރީލަންކާ ބައިވެރިވާން ފެށީ 2012 ވަނަ އަހަރުއެވެ. މިއީ މި ތިން ގައުމުގެ މެދުގައި އޮޕަރޭޝަނަލް ކޯޑިނޭޝަން ވަރުގަދަކުރުމަށް ކޮންމެ އަހަރަކު ގަވާއިދުން ބާއްވާ ހަރަކާތެކެވެ.








