ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު، ޓިކްޓޮކްގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރް ގެލެންއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ ސްވިޒަލޭންޑުގެ ދާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ހަވާސާގަ އެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކުން ފައިސާ ލިބޭނެ ގޮތްތައް ފުޅާކުރުމާ ގުޅޭގޮތުން ކަމަށެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިހާރުވެސް ރާއްޖޭގެ ބައެއް ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު އޮވެ އެވެ. އެގޮތުން ކްރިއޭޓަރުން ޓިކްޓޮކުން އާމްދަނީ ހޯދުމަށްޓަކައި ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވަންޖެހެ އެވެ. އެ އެކައުންޓެއް ހުޅުވޭނީ މަދުވެގެން 10،000 ފޮލޯވަރުން ލިބިފައިވުމާއި އެމީހެއްގެ ވީޑިއޯތަކަށް ފާއިތުވި މަސް ދުވަހުގެ ތެރޭގައި 100،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވާ ނަމަ އެވެ. އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ވެސް ހުރެ އެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކަށްވާ އިރު، ޓިކްޓޮކް ފަދަ ފްލެޓްފޯމްތައް މެދުވެރިކޮށް ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.








