އިންސާނީ ވަގުފާރިއާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، މީހުން ވިލަރެސްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ހޭލުންތެރިކޮށް، މިކަމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމަކީ ސަރުކާރުގެ އިދާރާތަކާއި އެކީގައި މަސައްކަތްކުރާ ސިވިލް ސޮސައިޓީ އަދި އެންޖީއޯތަކާއެކު މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދިޔަ ބައްދަލުވުކެވެ.
ދާޚިލީ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި އެކްސްޕްލޮއިޓޭޝަން ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ އަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ އިންސާނީ ވަގުފާރި ހުއްޓުވުމަށް މިހާރު ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ސަރުކާރުން ދެކޭ ކަމަށާއި، މި ކުށް ހުއްޓުވުމަށް މައިގަނޑު 4 ސިޔާސަތެއް ސަރުކާރުން ގެންގުޅޭ ކަމަށެވެ. އެއީ މި ކުށް ހުއްޓުވުމުގައި މަސައްކަތްކުރާ ޤާބިލް މީހުން ބިނާކުރުމާއި، ކުށާ ގުޅޭގޮތުން މުޖުތަޢު ހޭލުންތެރިކުރުވުމާއި، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ކުށް ރިޕޯޓުކުރެވޭނެ ފޯން ލައިނެއް ޤާއިމްކުރުން ކަމަށް ދާޚިލީ ވުޒާރާއިން ބުނެއެވެ.








