މި އަހަރުގެ ރައްކާ ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެލައިޑް އިންޝުއަރެންސް ކޮމެޕްނީގެ 41ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު އެ ކުންފުނީގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ލުވައިޒްއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރާ މަސައްކަތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ވަރަށް މުހިިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ. އަދި އެލައިޑް އިންޝުރެންސް ކުންފުންޏަކީ ރައްކާގެ އެންމެ ދުވަސްވީ ޕާޓްނަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފްއާއި، ޓްރެފިކް ޕޮލިސް އަދި ރޯޑް މެނޭޖްމަންޓް ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރުގެ އިތުރުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އަންޑަރ ރައިޓިންގ އޮފިސަރ ލޫލިއާނާ ރުސެއިއާއި ޖެނެރަލް މެނޭޖަރ ނަސްރަތު މުޙައްމަދު ބައިވެރިވެލެއްވިއެވެ.
"ރައްކާ"ގެ ހަރަކާތްތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނާއި، އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
މި އަހަރު ރޯޑް ސޭފްޓީ ހަރަކާތްތަކުގައި ބޭނުންކުރާ ހޭޝްޓޭގަކީ، ''ރަނގަޅުކޮށްލާ'' އެވެ.
ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ، ކަލަންޑަރެއް އެކުލަވައިލައި ތާވަލުކޮށްފައިވާ ވަކި ދުވަސްތަކެއް ކަނޑައަޅައިގެން މުޅި އަހަރަށް ބަހާލައިގެންނެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ، މުޅި ރާއްޖެ ހިމެނޭ ގޮތަށެވެ.
މި ކެމްޕެއިންގެ ތެރެއިން ރައްކާ ރޯޑް ޝޯވއާއި، ޓްރެފިކް މޮނީޓާސް ޕްރޮގްރާމާއި، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން، ފަހިރާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އަދި ޓެކްސީ ޑްރައިވަރުންގެ ޕްރޮގްރާމާއި، ކުންފުނިތަކުގެ ޑްރައިވަރުންނާއި، މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ހިންގާ ޕްރޮގްރާމާއި، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ފުލުހުންނަށް ޚާއްޞަ ކޮށްގެން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.








