މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފްރަންޓް އޮފީސް ހުޅުމާލޭގައި ހުޅުވައިފިއެވެ.
މިއީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ހުޅުވި އޮފީހެކެވެ.
ހުޅުމާލޭ ޖަލު ސަރަހައްދުގައި ގާއިމުކޮށްފައިވާ މި ފްރަންޓް އޮފީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ.
އަދި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި އެ ޚިދުމަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިއީ ރައްޔިތުންނަށް ކަރެކްޝަނުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ އޮފީހެއް ކަމަށާއި ފްރަންޓް އޮފީހުގެ ސަބަބުން ކަރެކްޝަންސް ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި އެ ގައިދީންގެ އާއިލާތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ވީހާވެސް ގާތުން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
''އެއީ ގައިދީންނަށް ފޯރުކޮށްދޭން ޖެހޭ އެކިއެކި ސާމާނާއި، ލިޔެކިޔުންތައް ކަމުގައިވީނަމަވެސް މި އޮފީހުގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ. ރައްޔިތުންނަށް އެއް ދިމާލަކުން މި ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާ ދުވަހެއް މިއަދަކީ. މި ޚިދުމަތުގެ ސަބަބުން އިދާރީ ގުޅުންތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ'' މިނިސްޓަރ އަލީ އިހްސާން ވިދާޅުވިއެވެ.
ވަޒީރު ވަނީ މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ޚިދުމަތްތައް ޑިޖިޓަލައިޒްކުރެވިގެންގޮސް ޚިދުމަތްތަކަށް ފަސޭހަކަމާއެކު ރައްޔިތުންނަށް އެކްސަސް ކުރެވިގެންދާނެ ވަން ސްޓޮޕް ތަނެއް ކަމަށްވެސް ވިދާޅުވެފައެވެ.
އަދި އޮފީހުގެ މަސައްކަތަކީ ގައިދީންނާއި ކަރެކްޝަންގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު ހުޅުވި ކަރެކްޝަންސްގެ ފްރަންޓް އޮފީހުން ކުށުގެ ރިކޯޑް ސާފުކުރުމާ ގުޅޭ މަސައްކަތްތަކާއި ރިސެޕްޝަނަށް ލިބޭ ސިޓީ، މެސެޖް، ފޯމު ފަދަ ލިޔުންތައް ބަލައިގަނެ، ކަމާބެހޭ ސެކްޝަންތަކާއި ޑިވިޜަން އަދި ކޮމާންޑްތަކާ ޙަވާލުކޮށް، ރެކޯޑް ބެލެހެއްޓުމައި މައުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ވަނީ ފަހިކޮށްފައެވެ.








