އެމެރިކާގެ ޓައިމް މެގަޒިންގެ މި އަހަރު އެކުލަވާލި ސިއްހީ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމަނައިފި އެވެ.
މިއީ ރާއްޖޭގެ ރައީސަކު ސިއްހީ ދާއިރާއިން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޓައިމްއިން ވަނީ މި އަހަރުގެ ސިއްހަތުގެ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ރައީސް މުއިއްޒުގެ ނަން ހިމަނާފައިވަނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްހަތުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު އެވެ.
އެގޮތުން ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާއި ސިޔާސަތުތައް ފާހަަގަކުރި އެވެ.
ދުންފަތާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، 2025 ވަނަ އަހަރު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑޮކްޓަރ ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން، އެ އަހަރުގެ ވަރލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން ރައީސަށް ވަނީ ޚާއްޞަ އެވޯޑެއްވެސް ދެއްވާފައިވެއެވެ.








