މިފެށޭ ރަމަޟާން މަހު ދިވެހިން ދައްކަންޖެހޭ ފިޠުރު ޒަކާތުގެ މިންވަރު މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި އިއުލާނުކޮށްފިއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ 12 ރުފިޔާއެވެ. އަދި އާދައިގެ ފުށުން 10 ރުފިޔާ ދައްކަންޖެހޭއިރު، އާޓާ ފުށުން ދައްކަންޖެހެނީ 75 ރުފިޔާއެވެ. މި ބާވަތްތަކުގެ އަގު ހުރީ މިދިޔަ އަހަރެކޭ ވެސް އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް ތައިލެންޑް ހުދު ހަނޑުލުގެ އަގު ވަނީ މިދިޔަ އަހަރަށްވުރެ 9 ރުފިޔާ ދަށްވެ، 53 ރުފިޔާއަށް ވެއްޓިފައެވެ.
މީގެ އިތުރުން، ދިވެހިން އާންމުކޮށް ކައިއުޅޭ އެހެން ބާވަތްތަކުން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ރަތް ހަނޑުލުން ޒަކާތް ދައްކާނަމަ ދައްކަންޖެހޭނީ 96 ރުފިޔާއެވެ. މިއީ މިދިޔަ އަހަރަށްވުރެ 10 ރުފިޔާގެ ބޮޑުވުމެކެވެ. ބާސްމަތީ ހަނޑުލުގެ ބާވަތްތަކަށް ބަލާއިރު، އާދައިގެ ބާސްމަތީ ހަނޑުލުން 77 ރުފިޔާ (3 ރުފިޔާގެ އިތުރުވުމެއް)، މޮޅު ބާސްމަތީ ހަނޑުލުން 109 ރުފިޔާ (9 ރުފިޔާގެ އިތުރުވުމެއް) އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުން 136 ރުފިޔާ (3 ރުފިޔާގެ އިތުރުވުމެއް) ދައްކަންޖެހޭނެ ކަމަށް ޒަކާތު ހައުސްއިން ބަޔާންކުރެއެވެ.
މި އަހަރުވެސް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް އަދި ނަގުދު ފައިސާއިންނެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ހުޅުވާލެވިފައިވާއިރު، ނަގުދު ފައިސާއިން ޒަކާތް ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކުއެވެ. މާލޭގައި ނަމަ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުން އަދި ރަށްރަށުގައިނަމަ އެރަށެއްގެ ކައުންސިލް އިދާރާއިން ފައިސާ ބަލައިގަންނާނެއެވެ.
ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ އެއްޗަކަށްވާއިރު، ޒަކާތް ނެރެންޖެހެނީ އެބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުން ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރަކަށެވެ.








