އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެންޕެއިން ލޯންޗު ކޮށްފި އެވެ.
ރޭ "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ބޭއްވި ކެންޕެއިން ލޯންޗިންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ބައިވެރިވި އެވެ.
މި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ކައުންސިލު އިންތިޚާބު މި ސަރުކާރަށް ދީފިނަމަ ކައުންސިލުތައް އުވާލާނެ ކަމަށެވެ. މިއީ ރައްޔިތުން އިންތިޚާބެއްގައި ވޯޓުލާން ލިބޭ އެންމެ ފަހު ފުރުސަތަށް ވެދާނެ ކަމަށާއި މި ސަރުކާރުން ރައްޔިތުންގެ އަޑެއް ނާހާނެ ކަމަށެވެ.
"މި ކައުންސިލުތައް މި ސަރުކާރަށް ދީފިއްޔާ އެ ބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ، އެނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނީމާ މާލިއްޔަތު ދިނީމާ ލާމަރުކަޒީ ގާނޫނު ފުނޑާލީ،" އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވީ ވަޒީފާގެ ބިރުދެއްކުން ހުއްޓުވޭނީ ކައުންސިލްތައް ބާރުކުރުވިގެން ކަމަށެވެ.
ޝާހިދު ވިދާޅުވީ ކޮންމެ ނަމެއްގައި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ސަރުކާރުން ހުށަހެޅިކަމުގައިވިޔަސް، އަޑީގައި އޮތީ މަކަރާއި ހީލަތާއި އޮޅުވާލުން ކަމަށެވެ. ޝާހިދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިސްރާބު އޮތީ ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށެވެ.
"މި އަހަރު އެ އަހަނީ ކުރުކޮށްލަން. މި އަންނަ އަހަރު އަހާނީ ދިގުކޮށްލަން. ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ޖައްސާލަން. އޭރުން އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ އެކަމަށް ރައްޔިތުން ފުރުސަތު ނުދިނުމަށާއި އެންމެން އެކީގައި ކުރާ މަސައްކަތުން މި ސަރުކާރު ބަލިކޮށްލެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މި ސަރުކާރުގައި ބާކީ އޮތީ ދެ އަހަރު ކަމަށާއި މިހާރު މިއޮތީ ވަގުތީ ސަރުކާރެއް ކަމަށްވެސް ވިދާޅުވި އެވެ.








