ދެކުނު އެފްރިކާގައި އެގައުމުގެ ރައްޔިތުންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 72 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެގައުމުގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގަމުން ދަނީ ފަގީރުކަން ނައްތައިލުމަށް އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރުތަކުން ނުކުރުމުގެ އިތުރުން ތަފާތު ކުރުންތަކާއި ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން އުފެދިފައިވާ ކަންބޮޑުވުންތަކުގެ ސަބަބުންނެވެ.
މުޒާހަރާގެ ބައިވެރިން އިއްޔެ ވަނީ ބައެއް ޝޮޕިން މޯލް ތަކަށް އެއްވެފަ އެވެ. ދެކުނު އެފްރިކާގެ ފުލުހުން އިއްޔެ ބުނީ އެންމެ މަދުވެގެން 72 މީހުން މި ހަމަނުޖެހުންތަކުގައި މަރުވެފައިވާ ކަމަށެވެ.
ޝޮޕިން މޯލްތަކުގައި އެއްވަމުން ދިޔަ މީހުން ވަނީ އެތަންތަނަށް ވަދެ އެއްޗެހި ފޭރުމަށްވެސް މަސައްކަތް ކޮށްފަ އެވެ. މިކަމާއި ގުޅިގެން ސަލާމަތީ ހިދުމަތްތަކުން ވަނީ ބާރުގެ ބޭނުން ކޮށްފަ އެވެ. ގިނަ މީހުން މަރުވެފައިވަނީ މި ހަމަލާތަކުގަ އެވެ.
މީގެ އިތުރުން ދެކުނު އެފްރިކާގެ ނެޑް ބޭންކުގެ އޭޓީއެމްތަކެއް ގޮއްވާލައިގެން ފައިސާ ފޭރުމަށް މަސައްކަތް ކުރިއިރު އެހަމަލާއާއި ގުޅިގެންވެސް ގިނަ ބަޔަކު މަރުވި އެވެ.
ދެކުނު އެފްރިކާގެ ގިނަ ސަރަހައްދުތަކެއްގައި ހަމަނުޖެހުން އުފައްދަމުން ދާއިރު އެކަން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެގައުމަކީ ދުނިޔޭގެ އެންމެ ގިނަ އަދަދެއްގެ ފަގީރުން ދިރިއުޅޭ ގައުމެވެ. ބައެއް ސަރަހައްދުތަކުގައި މީހުން ބަނޑައްޖެހި ދިރިއުޅުމުގެ ހައްގުވެސް ވަނީ ނިގުޅައިގަނެފަ އެވެ. މިމައްސަލަތައް ހައްލު ކުރުމަށް ސަރުކާރުތަކަށް މަސައްކަތް ނުކުރެވުމުގެ ޝަކުވާ ރައްޔިތުންގެ އަބަދުވެސް އޮވެ އެވެ.
ކޮވިޑް-19 ބަލި ދުނިޔޭގައި އާންމުވަމުން ދިޔުމާއިއެކު ސައުތު އެފްރިކާއިންވެސް ބަލި ފެނުނެވެ. އެތަނުގައި ބަލި ފެތުރެން ފަށައިފިނަމަ ކޮންޓްރޯލުން ނެއްޓި އެތައް ހާސް މީހުނެއް މަރުވެދާނެ ކަމުގެ ބިރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރި އެވެ. މީގެ ސަބަބުން ފަގީރުން ގޭގައި ބަންދުވެ ބަނޑަށް ޖެހުން އިތުރުވި އެވެ. މައްސަލަ ހޫނުވީ މީގެ ސަބަބުންނެވެ.
މީގެ އިތުރުން 2009 ވަނަ އަހަރުން 2018 ވަނަ އަހަރަށް ސައުތު އެފްރިކާގެ ވެރިކަން ކުރި ޖެކޮބް ޒޫމާ މިދިޔަ މަހު ޖަލަށް ލާފައިވާއިރު މިއީވެސް ހަމަނުޖެހުންތައް ހިންގުމުގެ އަސްލެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. ޒޫމާ ޖަލަށް ލީ ކޮރަޕްޝަންގެ މައްސަލަތަކަކާއި ގުޅިގެންނެވެ.