ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުުން ރިޓަޔާ ކުރައްވައިފި އެވެ.
ނަވީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ އޭނާގެ ރިޓަޔާމަންޓްގެ ފުރަތަމަ ދުވަސް ކަމަށެވެ. ގައުމަށް ހިދުމަތް ކޮށްދޭން ލިބުނު ފުރުސަތަށް ނަވީން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ނަވީން ވަނީ އޭނާ ރިޓަޔާކުރައްވަނީ ގާތްގަނޑަކަށް 32 އަހަރު ފަހުންކަން ފާހަގަކުރައްވައި، އޭނާ ޚިދުމަތާ ދުރަށްޖެހިވަޑައިގަންނަވަނީ ވެސް، ޚިދުމަތާ ގުޅުނުއިރު ގެންގުޅުއްވި ގަބޫލުކުރުންތަކާއެކު ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭރު ވެސް ފުލުހުންގެ މުއައްސަސާއަށް ކުރި އިޙުތިރާމާއި، އިތުބާރާއި ގައުމަށް އޮތް ލޯތްބަށް ފަނޑުވުމެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ ފުލުހެއްގެ ގޮތުގައި ޚިދުމަތް ކުރުމަކީ، ލިބިވަޑައިގަތް ޝަރަފެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް، މިދިޔަ އަހަރުގެ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފައެވެ.








