މިދިޔަ އޭޕްރީލް މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓު ހެއްދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އޭޕްރީލް މަހުގެ ނިޔަލަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށްޓަކައި book.hpa.gov.mv އިން މިހާރު އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ.
ކުރިއެކޭވެސް އެއްގޮތަށް އެޕޮއިންޓްމެންޓު ހެއްދުމަށްފަހު ގަޑީގެ 15 މިނެޓު ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް އެޗްޕީއޭއިން އެދެ އެވެ. އަދި ދާއިރު އައިޑީކާޑާއި ވެކްސިން ކާޑު ގެންދަން އެ އޭޖެންސީން ވަނީ އެދިފަ އެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ދެމުން ދިޔުމަށްފަހު އެ ވެކްސިން ދިނުން ހުއްޓައިލީ ހުސްވުމުންނެވެ. އޭރު ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ނުޖަހާ ލައްކައަކަށްވުރެއް ގިނަ މީހުން ތިއްބެވެ.
އަލުން ވެކްސިން ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިންގެ 60،000 ޑޯޒް ސަރުކާރަށް ލިބުމުން މިމަހުގެ ތެރޭގަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އާއި ދެކޮޅަށް ތިން ވެކްސިނެއް އަންނަނީ ދެމުންނެވެ. އެއީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ އިތުރުން، ޗައިނާގެ ސިނޯފާމް ވެކްސިނާއި އެމެރިކާގެ ފައިޒާ ވެކްސިނެވެ. އިއްޔެގެ ނިޔަލަށް ރާއްޖޭގެ 319،379 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. ދިވެހިންނާއި ބިދޭސީން ހިމެނޭހެން މިހާތަނަށް 242،370 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.