ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްތަކުގެ ދެ އަހަރު ދުވަހުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ.
އެޗްޑީސީން މިކަން ކޮށްފައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ހަދައިގެންނެވެ. އެޗްޑީސީން މިހާރު ވަނީ ފްލެޓްތަކަށް ފައިސާ ދައްކަންޖެހޭ މޮފައިސާ އުނިކޮށް އެކަން އަންގާ ސިޓީ ފްލެޓްގެ ވެރިފަރާތާ ހަވާލުކުރަމުންނެވެ.
މި ބަދަލާއެކު، މެނޭޖްމަންޓް ފީ ފިޔަވައި ހިޔާ ފްލެޓްތަކުގެ ކުލި ދެން ދައްކަން ފަށަން ޖެހޭނީ 2028 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓް ހަމަވުމުން، ފްލެޓްގެ އަގު އަދާކޮށް ނިމެންދެން މަހު ކުއްޔެއްގެ ގޮތުގައި ދައްކަންޖެހޭނީ 5،300 ރުފިޔާއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ހިޔާ ފްލެޓްގެ ކުލި 8،500 ރުފިޔާގައި ހުރުމަށްފަހު، އޭރުވެސް އިންތިޚާބާ ދިމާކޮށް އެ އަދަދު 5،300 އަށް ކުޑަކުރިއެވެ. އަދި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ އަދަދު ވަނީ 3،984.21 ރުފިޔާއަށް ކުޑަކޮށްދެއްވާފައެވެ.








