މިއަދު ބާއްވާ ތިން އިންތިހާބުގައި ވޯޓުލާން ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ނުކުތުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިއަދު ނަގާ ވޯޓުތަކަކީ މުހިއްމު ވޯޓުތަކެއް ކަމަށާއި އެގޮތުން ދައުލަތުގެ ހިންގުމުގެ ނިޒާމުތަކަށާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަކާއި، ރައްޔިތުންނާ ގުޅުންހުރި މުހިއްމު މަޤާމުތަކަށް މީހުން ޚިޔާރުކުރުމަށް ނަގާ ވޯޓުތަކަކީ ރައްޔިތުންގެ ބަސް ކޮންމެހެން އިއްވަންޖެހޭ ނިންމުންތަކެއް ކަމަށެވެ.
އެގޮތުން ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ ވޯޓުލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ވޯޓުލާންދާ ކޮންމެ މީހަކަށްވެސް ތިން ވޯޓު ކަރުދާސްކޮޅު ދޭނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަދު ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.








