އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފްތާއަށް މެދުކަނޑާލުމަށް ދެ ޤައުމުން ނިންމައިފިއެވެ.
ޝަރުތުތަކަކާއެކު އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުން ގަބޫލުކޮށް ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލަން އީރާނުން އެއްބަސްވިކަން ހާމަކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރާއެކު ބޭއްވުނު މުހިންމު މަޝްވަރާތަކެއްގެ ނަތީޖާ ކަމަށެވެ.
ޓްރަމްޕްގެ އެ މެސެޖަށް ފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ވަގުތީ އެއްބަސްވުމަކަށް އައިސްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
އަރަގްޗީވެސް ވަނީ މެދުވެރިއެއްގެ ރޯލު އަދާކުރި ޕާކިސްތާނަށް ޝުކުރުއަދާކުރައްވާފައެވެ.
ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައި މި ވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާތައް ދެމުންގެންދާތާ، މަހަކަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ.








