ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގެ އެކްސްގައިވެސް ރައީސުލްޖުމްހޫރިއްޔާ ގެ ދެކަނބަލުން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރައުފުލާ މަސައްކަތްތެރިއަކީވެސް ޝަރަފްވެރިއެއްކަމަށާއި އެއީ މި ޤައުމުން އަގުވަޒަން ކުރާނެ ޚިދުމަތްތެރިއެއްކަމުގައި ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަނީ، ދިވެހިރާއްޖެ މިއަދު މިދެކޭ ކުރިއެރުންތައް މި ޤައުމަށް ގެނެސްދިނީވެސް، އަދި މާދަމާއަށް ދިވެހީންކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީވެސް ހީވާގި މަސައްކަތްތެރީންނަށްކަން ޤަބޫލުކުރައްވަމުން، އެކަމަށްޓަކައި ހިތްޕުޅުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ހާމަކުރެއްވިއެވެ.
މިމުނާސަބަތާ ގުޅުވައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައި، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އެންމެހާ މަސައްކަތްތެރިންނަށް އިޙްތިރާމާއެކު ޝުކުރު ދަންނަވާފައިވެއެވެ. އަދި މަސައްކަތްތެރީންގެ ޤުރްބާނީތަކުގެ އަގުވަޒަންކުރައްވައި، އެފަރާތްތަކުން ދައްކަވަމުންގެންދަވާ ނަމޫނާ ހިތްވަރު ތާއަބަދު ފާހަގަކުރައްވާކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ ވަޒީފާ އާއި މަސައްކަތުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވައި، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މައިދާނަށް ނިކުތުމަށް އިލްތިމާސްކުރައްވަމުންނެވެ.








