ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ފިރިހެނެއް ރޭ 00:09 ހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއީ 49 އަހަރުގެ ފިރިހެނެއް ކަމަށާއި އެމައްސަލަ ފުލުހުން ބަލަމުންދާކަމަށެވެ. އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން އެމީހާގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް އެނގިފައިވާގޮތުގައި އެއީ ނަޝީދުގެ ކޮއްކޯފުޅު ނާޒިމެވެ.
ނާޒިމް ވަނީ ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. އަދި ރައީސް ނަޝީދަށް 2021 ވަނަ އަހަރު ދިން ހަމަލާއާ ގުޅިގެންނާއި، އޭގެ ފަހުން ހިނގި ބައެއް ކަންކަމުގައި އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވުމުގައި އޭނާ ހަރަކާތްތެރިވެފައިވެއެވެ.








