ހުޅުމާލެ ފަޅު ކައިރީގައި އަޅާފައި އޮތް "އެމްޕެރޯ އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީއެއްގައި މިއަދު ހަވީރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އުޅަނދު އެކީހެން އަނދައި، ދުމުގެ އަސަރުކޮށްގެން ދެ މީހަަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެ އާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރާ އެކްސްޕްލޯރާ" ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގައި އެ އުޅަނދުގައި ވަރަށް ބޮޑަށް ރޯވެ، ބޯ ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާ މަންޒަރު އާންމުވެފައިވާ ފޮޓޯތަކުން ފެނެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
މި ހާދިސާގައި ސަފާރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުލުހުންނާއި ސިފައިން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.








