ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އަދި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ދައުވާކޮށްފި އެވެ.
މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގެ މައްސަލައެވެ.
މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާއެވެ.
ހަމައެއާއެކު ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަމުރެއް ވެސް ނެރެފައެވެ.
މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.
"ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު"ގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
އަދި އެ ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަޚުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމުގައިވާތީ، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
އަދި އެފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.








