ކޯރަމް ހަމަ ވާވަރަށް މެންބަރުން ވަޑައިނުގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
ގަޑި ޖެހުނުއިރު ވެސް، މިިއަދު ހެންދުނު 9:00 ގައި ފަށަން އޮތް ޖަލްސާއަަށް ކޯރަމް ހަމަވާވަރަށް މެންބަރުން ވަޑައެއްނުގަންނަވައެވެ.
ރައްޔިތުންގެ މަޖިލީހުގެ އާއްމު ޖަލްސާއެއް ބޭއްވޭނީ އެންމެ މަދުވެގެން މެމްބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންމަބުން ތަޅުމުގައި ތިއްބވައިގެންނެވެ. މިހާރު އޮތް 20 ވަަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާތީ ޖަލްސާއެއް ބޭއްވޭނެ އެންމެ މަދު އަދަދަކީ 23 މެންބަރުންނެވެ.
މިއަދުގެ ޖަލްސާ ހެނދުނު 9:00 ގައި ފަށަން ތާވަލުކޮށްފައި އޮތް އިރު ކޯރަމް ހަމަނުވާތީ 10:00 އަށް ޖަލްސާ ލަސްކުރިކަން ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް ނާޒިމް އިއުލާނު ކުރެއްވީ 9:15 އެހާކަށް ހާއިރު އެވެ.
"މިއަދުގެ ޖަލްސާ ފެށުމަށް ބެލިއިރު ކޯރަމް ހަމަނުވާތީ، ގަޑި 10 ޖަހާ އިރަށް ބަދަލުކުރުމުން ވެސް ކޯރަމް ހަމަނުވެފައި ވާތީ، މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާގެ (ބ)ގެ ދަށުން މިއަދުގެ ޖަލްސާ އަޅުގަނޑު ކެންސަލްކުރަން،" ދެ ފަހަރަށް މަސައްކަތް ކޮށްގެން ވެސް ކޯރަމް ހަމަނުވުމާ ގުޅިގެން ޖަލްސާ ކެންސަލް ކުރިކަން އިއުލާން ކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.
އެ އަށް ފަހު އޭނާ އިއުލާން ކުރެއްވީ މާދަމާ ހެނދުނު 9:00 ގައި ޖަލްސާއެއް އޮންނާނެ ކަމަށެވެ. އެކަމަކު، ބުރާސްފަތި ދުވަހަކީ އާންމު އުސޫލުގެ މަތިން މަޖިލިހުގެ ޖަލްސާތައް ބާއްވާ ދުވަހެއް ނޫނެވެ. އާއްމުކޮށް މަޖިލިސް ޖަލްސާތައް ބާއްވަނީ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށެވެ.
މިއަދު ބާއްވަން ތާވަލުކުރި ބައެއް ކޮމިޓީ ބައްދަލުވުުންތައްވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
ނާޒިމް ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން މިއަދު ބޭރުކޮށްލައި، އަދި އޭނާއާ މެދު ނުތަނަވަސްކަން އުފެދިފައިވާއިރު އޭގެ ސަބަބު އަދި ތިލައެއް ނުވެ އެވެ. އެ ގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.








