މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރެއްވުމަށް ސޮއި ހަމަ ކޮށްްފި އެވެ.
ޕީއެންސީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ މިހާތަނަށް 40 އަށް ވުރެ ގިނަ ސޮއި ހޯދާފައިވާ ކަމަށެވެ. ނާޒިމް ވަކިކުރުމަށް މިހާތަނަށް ސޮއިކުރައްވާފައި ވަނީ މުޅިން ވެސް ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންނެވެ.
ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ސޮއި ހަމަ ކުރަމުންގެންދާއިރު މިއަދު ހެނދުނު ވަނީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލީސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްލާފަ އެވެ. އެގްރޫޕުގެ އެޑްމިންއަކަށް އިންނަވަނީ ރައީސް ޑރ. މުއިއްޒެވެ.
ނާޒިމް އެ ގްރޫޕުން ބޭރުކޮށްފައިވާ ސީދާ ސަބަބެއް މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ.
އެ ގްރޫޕުން ނާޒިމް ބޭރުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ އެންމެ ބާރުގަދަ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ވެސް މިމަހުގެ 21 ވަނަ ދުވަހު ނާޒިމް ވަނީ ވަކިކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 93 މެމްބަރުންނެވެ. އޭގެ ތެރޭގައި ޕީއެންސީގެ 76 މެމްބަރުން ތިއްބަވައެވެ.








