ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށާއި އެ ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނަބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ) ގެ މައްޗަށެވެ.
ފުލުހުން ބުނީ އެ ދެ ކުށުގެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން އަހްމަދު އިބްރާހީމް 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، 115 ވަނަ މާއްދާގެ (ނ) ގެ ދަށުން އަހްމަދު އިބްރާހީމް ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އަހްމަދު އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 27 އަހަރާއި 11 މަހާއި 5 ދުވަސް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ. އެ ހުކުމް އިއްވާފައި ވަނީ އިއްޔެގައެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަހްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހުގައި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ.
އޭގެ އިތުރުން މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ، ހެޕީގާޑްން، ހުސައިން އިބްރާހީމް (39އ) ގެ މައްޗަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެ ކުށުގެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުސައިން އިބްރާހީމް 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ހުސައިން އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަސް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ. އެ ހުކުމް ވެސް އިއްވާފައި ވަނީ އިއްޔެގައެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުސައިން އިބްރާހީމް ހައްޔަރުކުރީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުގައި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގައެވެ.








