މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ގައުމީ "އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓާ" ނުވަތަ މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފިއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މިއީ ރާއްޖެއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމުގެ އެޖެންޑާ މޯލްޑިވްސް 2.0 ގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
ބީއެމްއެލްއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކުރުމާ އެކު، މި ސެންޓަރުގެ އެންމެ ފުރަތަމަ ހަރަކާތްތައް މިއަދު ފެށިގެންދިޔައީ ސެންޓަރުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި "ކޯ.ލެބް 26" ހަރަކާތާއެކުގައެވެ. ކޯ.ލެބް 26 އަކީ އޭއައި ބޭނުންކުރުމާއި ގުޅޭ ގޮތުން ރާއްޖޭން ގެންގުޅޭނެ ގައުމީ އުސޫލުތައް ބައްޓަންކުރުމަށްޓަކައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ގައުމީ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާއަށާއި، ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ. މީގެ އިތުރުން ޑޭޓާގެ ތައްޔާރީތަކާއި، އަމަލީ ގޮތުން އެކަން ކުރެވިދާނެ މިންވަރާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް އިސްކަންދޭނެ ކަންކަން ކަނޑައެޅޭނެއެވެ.
ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ "ހެކަތަން" އެކެވެ. މި ހެކަތަންގައި ދެ ދާއިރާއަކުން (ޓްރެކަކުން) މަސައްކަތް ކުރެވޭނެއެވެ. އެއީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ "އެޕްލައިޑް އޭއައި ޓްރެކް" އާއި، ބޭންކް އޮފް މޯލްޑިވްސްގެ 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން ކުރިއަށްގެންދާ "ފިންޓެކް އިނޮވޭޝަން ޓްރެކް" އެވެ.
މޯލްޑިވްސް އޭއައި ލެބް ފަރުމާކުރެވިފައިވަނީ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކޮށް، އޭއައި، ޑޭޓާ އަދި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ގައުމުގައި ދެމެހެއްޓެނިވި ގާބިލުކަން އުފެއްދުމަށެވެ. ހެކަތަންގެ ނަތީޖާއެއްގެ ގޮތުން ޕްރޮޓޯޓައިޕްތަކާއި، ހައްލު ހޯދޭނެ މަގުތަކާއި، އަދި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ކޮންސެޕްޓްތައް ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
ޝައުގުވެރިވާ ފަރާތްތަކަށް https://colab.mv/ މެދުވެރިކޮށް ހެކަތަންގައި ބައިވެރިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.








