ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ އާންމު ކޮމެޓީން މިއަދަށް ތާވަލުކޮށްފިއެވެ.
މި މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވަނީ ސީދާ ކޮން ސަބަބަކާ ގުޅިގެންކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ސަރުކާރާ ދެކޮޅަށް ހިންގާ ބައެއް ކަންކަމުގެ އަޑީގައި ނާޒިމް ހުންނެވި ކަމަށް ތުހުމަތުކުރެވިގެން އޭނާ މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. މިއަދު ހަވީރު 4:00 ގައި ބާއްވާ ކޮމެޓީ ބައްދަލުވުމުގައި މި މައްސަލަ ފިޔަވައި އިތުރު ކަމެއް އެޖެންޑާކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ މަސައްކަތްތައް ނުނިމޭކަމަށް ބުނެ މި ހިނގާ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ދަންމާލަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމާފައެވެ. އޭގެ ފަހުން މި ހަފުތާގައި ޖަލްސާއެއް ނުބާއްވައި މިއަދު މިވަނީ ނާޒިމްގެ މައްސަލަ ކޮމެޓީއަށް ގެންގޮސްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދާދި ފަހުން ބޭއްވި ކައުންސިލް އިންތިހާބުން ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަށްފަހު ނާޒިމް ވަނީ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއެއް ކަމަށްވާ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ވެސް ވަކިކޮށްފައެވެ.








