އެމްޑީޕީއަށް، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމްގެ އެހީތެރިކަން ބޭނުންވެފައިވާކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވި ވާހަކަ އަނެއްކާވެސް ތަކުރާރު ކުރައްވައިފި އެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވައި ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ލިޔުއްވައިފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ - ޕީޕީއެމް ކޯލިޝަނެއް ބޭނުންވާކަމަށް ކުރިން ދެންނެވުމުން އެކަން މެމްބަރުންނަށް އޮޅުން އަރާތީ އެވާހަކަ ތަކުރާރުކޮށްލައްވާ ކަަމަށެވެ.
ޕީޕީއެމްއަށް ބައެއް ބަދަލުތައް ގެންނަންޖެހޭކަމަށް ނަޝީދު ވިދާޅުވި އިރު "އިންޑިއާ އައުޓު" ފަލްސަފާ ދޫކޮށްލައި، "ހިސާން" ބިލަށް ތާއީދުކޮށް މިޔުޒިކަށްވެސް އެއްބަސްވާ ބަދަލުތަކެއް އެޕާޓީއަށް ގެންނަންޖެހޭ ކަން ފާހަގަކުރެއްވި އެވެ.
އެ ބަދަލުތަކާއިއެކު ސަރުކާރު ހިންގުމަށް އެއްބަސްވެ އެމްޑީޕީ އާއި ޕީޕީއެމް ހިމެނޭ އިއްތިހާދެއް އެކުލަވައިލަން ޖެހޭކަމަށާއި އެކަމަށްޓަކައި ރައީސް ޔާމީންގެ އެހީތެރިކަމަށް އެދެންޖެހޭ ކަމަށް މިއަދުވެސް ނަޝީދު ވިދާޅުވި އެވެ. މިވަގުތު އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީވެސް އެއީކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު މިފަދައިން މީގެ ކުރިންވެސް ވިދާޅުވި އެވެ. އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ބީރު ކަންފަތެއް ދެއްވައިގެން ހުންނެވިއިރު ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވަނީ ނަޝީދަށް ފާޑުވެސް ވިދާޅުވެފަ އެވެ. އެގޮތުން ބައެއް އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ވަނީ ސަރުކާރާއި ދެކޮޅަށް ރައީސް ޔާމީނާއިއެކު ކޯލިޝަން ހަދަން ބޭނުން ނުވާކަމަށެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ ނަޝީދު މީގެ ކުރިން ދެއްކެވިއިރު އެމަނިކުފާނު ވިދާޅުވާ ގޮތުގައި ރައީސް ޔާމީންވެސް އެކަމަށް ތާއީދު ކުރައްވާނެ އެވެ. އެހެންނަމަވެސް ޕީޕީއެމްއިން ވަނީ ރައީސް ޔާމީން ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުވެސް ވަނީ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަމަށް ވިދާޅުވެފަ އެވެ. ރައީސް ސޯލިހު ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް ތާއީދު ކުރައްވަނީ ރައްޔިތުން ނިންމަވާ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.