ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި އަދި އިތުބާރު ހިފޭ ތަކެއްޗަށް ހެދުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، މިފަދަ ދުވަހެއްގައި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމާއި، އާންމު ބަލިތަކުން އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ މުހިއްމުކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނަ ބަލިތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިރާސީ މައުލޫމާތުގެ އަލީގައި މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން ފާހަގަވާ ކަމަށެވެ.
ރައީސް ވިދާޅުި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ އެންމެހާ ކާބޯތަކެއްޗަކީ ރައްކާތެރި، ފައިދާހުރި އަދި އިތުބާރު ކުރެވޭ ތަކެތިކަން ކަށަވަރު ކުރުމުގައި ސަރުކާރުން ސާބިތުމަކާއެކު މަސައްކަތް ކުރާނެ އެވެ. އަދި އެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެ ންދާ މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ރާއްޖެ އަށް އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލް ކުރުން ހަރުދަނާ ކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ދެނެގަތުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނަ ޣައްޒާ އާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައިވެސް ރައްކާތެރި ކާބޯތަކެތިން މަހުރޫމްވެ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ހާލަތްތަކުގައި ތިބި ހުރިހާ އެންމެންގެ މަތިން ހަނދާން ވެސް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ ގުޅިގެން އެފަދަ މައްސަލަތަކަށް ހައްލު ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައު މަސައްކަތް ކުރަން ގޮވާލައްވައި ރައީސް ވިދާޅުވީ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށް ވެސް ރައްކާތެރި މުސްތަގުބަލެއް ކަށަވަރު ކުރެވޭނެ ކަމަށެވެ.








