ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ކޮވިޑް-19 ދިފާއު ވެކްސިނާއި ގުޅޭ ދޮގު މައުލޫމާތު ފަތުރައި "މީހުން މަރަމުން" ދާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ބައިޑެން މިފަދައިން ވިދާޅުވެފައިވާއިރު އެމެރިކާގެ ސާޖަން ޖެނެރަލް ވިވޭކް މާތީ ވަނީ ކޮވިޑު ވެކްސިންގެ ސަބަބުން ބަލީގައި މަރުވާ މީހުންނާއި ހާލު ދެރަވާ މީހުން އިންތިހާއަށް މަދު ކުރެވެން އޮއްވައި، އެއާއި ގުޅުވައި ދޮގު މައުލޫމާތު ފަތުރާތީ ކަންބޮޑުން ފާޅުކުރައްވައިފަ އެވެ.
ކޮވިޑް ވެކްސިންގެ ދޮގު މައުލޫމާތު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި، ހާއްސަކޮށް ފޭސްބުކްގައި ފަތުރާތީ އެކަމާއިމެދު ބަހެއް ވިދާޅުވާން ބައިޑެންއަށް ދެންނެވުމުން އޭނާ ވިދާޅުވީ އެއީ "މީހުން މެރުން" ފަދަ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ދުނިޔޭގައި އޮތް ބަލި މަޑުކަމަކީ ކޮވިޑް ނޫން ކަމަށާއި އެއީ ވެކްސިން ޖެހުމަށް ދެކޮޅު ހެދުމުގެ ބަލިމަޑުކަން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާތީ ވިދާޅުވީ ކޮވިޑު ވެކްސިންއަކީ އެތައް ފުރާނައެއް ރައްކާތެރިކޮށްދޭނެ ކަމަކަށް ވާއިރު ދޮގު މައުލޫމާތު ފެތުރުމާއި ދެކޮޅަށް މުޅި އެމެރިކާ ތެދުވަންޖެހޭ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މިހާރަށްވުރެއް ބޮޑަށް ދޮގު މައުލޫމާތު ފެތުރުން ކޮންޓްރޯލް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަނގަޅު ގައިޑްލައިންތަކެއް ހަދައި އެފަދަ ކޮންޓެންޓް ހުއްޓުވަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެންމެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ފޭސްބުކްއިން ވަނީ މިކަމަށް އެޑްރެސްކޮށްފަ އެވެ. އެގޮތުން ފޭސްބުކްގެ ސްޕޯކްސްޕާސަން ޑޭނީ ލެވާ ވިދާޅުވީ އެމެރިކާ ސަރުކާރުން ފޭސްބުކްއަށް ކުރާ ތުހުމަތުތައް ދޮގުކުރާ ކަމަށެވެ. އެގޮތުން އެ ޕްލެޓްފޯމުގައި ކޮވިޑާއި އެ ބަލީގެ ވެކްސިނާއި ގުޅިގެން ދޮގު މައުލޫމާތު ފެތުރުނަ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާތަނަށް އައިއިރު ދެ ބިލިއަނަށްވުރެއް ގިނަ މީހުންނަށް ކޮވިޑް ވެކްސިންގެ ސައްހަ މައުލޫމާތު ފޭސްބުކް މެދުވެރިކޮށް ފޯރުކޮށްދެވިފައިވާކަމަށް ލެވާ ވިދާޅުވި އެވެ.
މީގެ އިތުރުން ފޭސްބުކްއިން ތައާރަފުކުރި ވެކްސިން ފައިންޑާ ޓޫލް ފާހަގަކޮށް ލެެވާ ވިދާޅުވީ އެމެރިކާގެ 3.3 މިލިއަން މީހުން އެޓޫލް ބޭނުންކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފޭސްބުކްއިން ވަނީ އެތައް ފުރާނައެއް ސަލާމަތް ކޮށްދީފައި ކަމަށެވެ.
މާތީގެ ކަންބޮޑުވުާއި ގުޅިގެން ޓްވިޓާއިންވެސް ވަނީ ޖަވާބުދާރީ ވެފަ އެވެ. އެގޮތުން އެއްވެސް ޒާތެއްގެ ދޮގު މައުލޫމާތެއް ޓްވިޓާގައި އާންމު ނުކުރެވޭނެ ކަމަށާއި އެޕްލެޓްފޯމުން އަދާކުރަންޖެހޭ ޒިންމާ ވީއެންމެ ރަނގަޅަކަށް އަދާކުރާނެ ކަމަށް ޓްވިޓާއިން ވަނީ ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި އެއްވެސް ބާވަތެއްގެ އެންޓި ވެކްސިން ކެމްޕެއިނެއް ނުވަތަ އެފަދަ މައުލޫމާތެއްވެސް ނުފެތުރޭގޮތަށް ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވަނީ ގަވާއިދެއް ހަދައިފަ އެވެ. އެ ގަވާއިދާ ހިލާފުވާ ފަރާތްތައް ޕްލެޓްފޯމުތަކުން ދަނީ ބޭން ކުރަމުންނެވެ.
އެންޓި ވެކްސިން ގްރޫޕު އެބަ ޖެހޭ ސޯޝަލް މީޑިއާ އިން ބޭރު ކުރަން. ރާއްޖޭގަވެސް އެވެރިން ވަރަށް ގިނަ