ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.
މިމަހުގެ 22 އިން 24 އަށް ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ އެގައުމުގެ ސަރުކާރުން ދިން ދައުވަތަކަށެވެ. ވަޑައިގެންނެވީ އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަން ނިންމާފައިވާ ކޮމިއުނިޓީ ޑިވެލޮޕްމެންޓާއި ގުޅޭ މަޝްރޫއުގައި ސޮއިވެސް ކުރެއްވި އެވެ.
ޝާހިދު މޯދީއާއި ބައްދަލު ކުރެއްވައި އދ ގެ އާންމު މަޖިލީހަށް އެމަނިކުފާނު އިންތިހާބު ކުރެއްވުމުގައި އިންޑިއާއިން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ. މި ބައްދަލު ކުރެއްވުމުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑާ ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގެންނެވި އެވެ.
އދ ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުވެވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ކުރެއްވި ދަތުރުގައި މި ވަޑައިގެންނެވީ އިންޑިއާއަށެވެ.