ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ދިރިއުޅުއްވަން ރެހެންދި ފްލެޓުން އެޕާޓްމެންޓެއް ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނި ގޮތުގައި މި ދެތަން ހަމަޖައްސަނީ ވަގުތީ ގޮތުންނެވެ.
ސެކިއުރިޓީއާއި ގުޅޭ ކަމެއްކަމަށް ވިދާޅުވެ އޮފިޝަލް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އެހެންނަމަވެސް ޕްލޭނިން މިނިސްޓްރީން އަދި އެމްއެންޑީއެފްއިން އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ ތިން ބާރުގެ ވެރިންނަށް އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ފޯރުކޮށްދިނުމަށެވެ. އެގޮތަށް އެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ސެކިއުރިޓީގެ ކަންކަން ވަރުގަދަ ކޮށް އިތުރު އިންތިޒާމުތައް ހަމަޖައްސަމުން ދަނީ ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އިސްލާހުކުރުމަށްފަހު އެވެ.
އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.