ދިވެހިރާއްޖޭގައި އަމިއްލަ ވެރިކަމެއް އޮތީ ނަމެއްގައި ކަމަށާއި ދިވެހިންގެ އަމިއްލަ ކަންކަމުގައި ފަހުބަސް ބުނުމުގެ ހައްގު ދިވެހިންގެ ކިބައިން ގެއްލިގެން ގޮސްފައިވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން މިހެން ބުނީ މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގަ އެވެ.
އެބަޔާނުގައި އިދިކޮޅުން ބުނީ މިއަދު މިގައުމުން ފެންނަ އެތައް ކަމަކީ މިނިވަންކަމަށް ބުރޫ އަރައިފާނެ ކަންކަން ކަމަށެވެ. އަދި އެކަންކަމަކީ ޤައުމުދެކެ ލޯބިވާ ދިވެހި ލޭ ހިނގާ ދިވެހި ދަރިންގެ ލޯތަކުން ކަރުނަ ހިލިގެން އަންނަ ކަންކަން ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
އިންޑިއާއިއެކު ގާތް ގުޅުމެއް ބާއްވާތީ އެކަމަށް އިޝާރާތް ކުރައްވަމުން އިދިކޮޅުގެ ބަޔާނުގައި ބުނީ ދިވެހިންނަށްވުރެ ބޮޑަށް މި ޤައުމުގައި އެހެން ޤައުމެއްގެ ރައްޔިތުންނަށް ދެވޭ އިއްޒަތާއި ޝަރަފު ބޮޑުވެ ޒަމާނުއްސުރެ ދިވެހިން ޤަބޫލުކޮށްގެން ތިބި އެތައް ކަމެއް ބަދަލުކުރަން މަޖުބޫރުވާ ހާލަތަށް ޤައުމުގެ ކަންކަން ގޮސްފައިވާ ކަމަށެވެ. އްޖެ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ބަޔަކު ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.
ދިވެހިން ބޭނުންވަނީ ދިވެހިންގެ ކާބަފައިން މި ޤައުމު މިހައި ހިސާބަށް ގެނެސްދިން ގޮތަށް އުނިއިތުރުކުރުމެއް ނުގެނެސް ހަމަ އެ ގޮތުގައި އަންނަން އޮތް ޖީލުތަކާ ހަމައަށް ޤައުމު ފޯރުކޮށްދިނުމަށްކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ރައީސް ޔާމީން ސާބިތުކޮށްދެއްވަމުން ގެންދަވަނީ ޤައުމުގެ މިނިވަންކަމާއި ޤައުމީ ސިފަތައް ރައްކާތެރިކުރުމަށް ވެވަޑައިގަންނަވަންޖެހޭ ކޮންމެ ގުރުބާނީއެއްވެސް ވެވަޑައިގަންނަވާނެކަން ކަމަށް ބަޔާނުގައި ބުންޏެވެ. މިނިވަންކަން ގެއްލިގެންދާ ކޮންމެ ކަމަކާއިމެދުވެސް އިދިކޮޅުން ބަސް ބުނާނެ ކަަމަށާއި ސަރުކާރަށް ނުހަނު ފާރަވެރިވާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފަ އވެެ.
އިންޑިއާއަށް ރާއްޖޭގެ ބައެއް ސަރަހައްދުތައް ދީ އެގައުމުގެ ސިފައިން ބައިތިއްބާ މައްސަލަ ވަނީ ވަރަށް ހޫނުވެފަ އެވެ. އިންޑިއާ އައުޓުގެ ނަމުގައި ސޯޝަލް މީޑިއާގައި ފެށި ކެމްޕެއިން އެގައުމުގެ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފަ އެވެ. މިކަމާއި ގުޅިގެން އިންޑިއާއާއި ދެކޮޅަށް ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އެޅުމަށް އެގައުމުގެ ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީގައި އެދުނެވެ.