މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ހުންނަވައިގެން ދާއިރާއަށް ކަންކަން ކޮށްދޭން އުނދަގޫކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
2019 ވަނަ އަހަރު މަޖިލީހުގެ އިންތިހާބަށް ވާދަކުރެއްވިއިރު އުޝާމްގެ އެއް ވައުދަކީ ދައުރު ނިމެންދެން މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވުމެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއިއެކު އިތުރު ތިން މެމްބަރަކު ހިމެނޭހެން ސިޔާސީ ޕާޓީއެއް ހެއްދެވުމުގައި އުޝާމްވެސް އިސްކޮށް ހަރަކާތްތެރިވެ އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅިގެން ސުވާލު ދެންނެވުމުން އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ދާއިރާއަށް މާގިނަ ކަންކަން ވޭތުވެދިޔަ ތަނުގައި ކޮށްދެވިފައި ނުވާކަމަށެވެ. އަދި އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާވެސް މަޝްވަރާ ކުރެއްވި ކަމަށާއި އެމަނިކުފާނު ދެކެވަޑައިގަންނަވަނީ މަޖިލީހުގައި މިނިވަން މެމްބަރުން ތިއްބަވަން ނުޖެހޭނެ ކަމަށް ކަމުގައި އުޝާމް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުގެ ކުރިމަތީގަ އޮތް ދެ ޗޮއިސްއަކީ އިންޑިވިޖުއަލް މީހެއްގެ ގޮތުގަ ކުރިއަށް މިއޮތް 3 އަހަރުވެސް ހޭދަކުރާނީތޯ ދާއިރާއަށް މާބޮޑު ކަންތައްތަކެއް ނުކޮށްދީ. އޭގެ ބަދަލުގަ ކުރިއަށް މިއޮތް ތިން އަހަރު އަޅުގަނޑުމެން ކަލެކްޓިވްލީ ގުޅިގެން އެންމެން މަސައްކަތް ކޮށްގެން އަޅުގަނޑުގެ ދާއިރާއަށްވެސް ރަނގަޅު ކަންތައްތަކެއް ކޮށްދެވޭނެ ގޮތަށް އަޅުގަނޑުގެ މަސައްކަތް ބައްޓަން ކުރާނީތޯ"
- ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
އުޝާމް ވިދާޅުވީ އެކަމާއި ގުޅިގެން ދާއިރާގެ ރައްޔިތުންނާއި މަޝްވަރާ ކުރެއްވި ކަމަށާއި މެޖޯރިޓީ ބޭނުންވަނީ ދާއިރާއަށް ރަނގަޅު ކަންތައްތަކެއް ކޮށްދެވޭކަމުގައިވާނަމަ ޕާޓީއަކާއި ގުޅިވަޑައިގެންނެވުން ކަމަށެވެ.
މީގެ އިތުރުން ޕާޓީ ރާއްޖޭގައި ޕާޓީ ސިސްޓަމް އޮތްއިރު މަޖިލީހުގެ ތެރޭގައި މިނިވަން ކެނޑިޑޭޓޫންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ނެތްކަމަށް އުޝާމް ވިދާޅުވި އެވެ. އެގޮތުން ދާދި ފަހުން މަޖިލީހަށް ހުށަހެޅި ނަފުރަތު ހުއްޓުވުމުގެ ބިލާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް މިނިވަން މެމްބަރުންނަށް ލިބުނީ އެންމެ 30 ސިކުންތު ކަމަށް އުޝާމް ވިދާޅުވި އެވެ.
އެހެންކަމުން އެދުވަހަކީ ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގަންނަވަން ނިންމި ދުވަސްކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމް ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނުގައި ވައުދުވެވަޑައިގެންނެވީ ހަމައެކަނި ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިނުގެންނެވުން ނޫން ކަމަށާއި ދާއިރާގެ ރައްޔިތުންނަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ޒުވާނުންގެ ކަންކަމުގެ އިތުރުން އެހެންވެސް ބައެއް ވައުދުތައް ވެވަޑައިގެންނެވި ކަމަށެވެ. ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރެއްވުމުގެ ނިންމުން ނިންމީ އެވައުދުތައްވެސް ފުއްދެވުމަށްކަމަށް އުޝާމް ވިދާޅުވި އެވެ.