ރާއްޖޭގެ ވެރިކަން ހިންގުމަށް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށްކަމަށ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ވޯޓުން ރާއްޖޭގައި އޮންނަން ފެންނަކަމަށް އިންތިހާބު ކޮށްފައިވާ ނިޒާމު ކަމަށެވެ. އެހެންކަމުން މިވަގުތު ގަބޫލުކުރާ ނިޒާމަކީ އެއީ ކަމަށާއި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެކަމަށް ގަބޫލު ކުރައްވަނީވެސް ރިޔާސީ ނިޒާމުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމަކީ ރާއްޖެއިން ބަލައިގެންފައިވާ ނިޒާމެއް ނޫންކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަން ތާއީދު ކުރާކަމަށް އަލަށް އުފައްދާ އެމްއެންޕީން ވިދާޅުވިއިރު ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުން ތާއީދު ކުރަނީ އެ ނިޒާމަށެވެ. ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާކަމަށް ވިދާޅުވަނީ ހަމައެކަނި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެންނަމަވެސް އެމްޑީޕީގެ އެތެރޭގައިވެސް ނިޒާމާއި ދޭތެރޭގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.
އެގޮތުން ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނަސް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވި ނަމަވެސް އެކަމަށް ރައީސް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ތާއީދު ކުރައްވަނީ ރައްޔިތުން ނިންމަވާފައިވާ ގޮތަކަށް ކަމަށެވެ.
އެމްއެންޕީން މިއަދު މިވަނީ އެޕާޓީގެ އެންމެ ފުރަތަަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފަ އެވެ. އެޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު އިސްނަންގަވައިގެން އުފައްދަވާ ޕާޓީއެކެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ޕާޓީގެ ރަޖިސްޓްރޭޝަންގެ ކަންކަން މިހާރު ފެށިފައިވާއިރު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރަސްމީކޮށް ޕާޓީގެ ރަޖިސްޓްރޭޝަން އޮފީހެއް ހުޅުވާނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް އެޕާޓީއާއި ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްއެންޕީގެ ގޮފިތައް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ހުޅުވިގެން ދާނެ ކަމަށާއި ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި އެހެންވެސް މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ. އެމްއެންޕީއަކީ މެދުމިނުގެ ސިޔާސަތުތަކަށް ތާއީދު ކުރާ ޕާޓީއެއް ކަމަށާއި ޒުވާނުންނަށް ބޮޑު އިސްކަމެއް ދޭނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
އެމްއެންޕީން ވަނީ އެހެން ސިޔާސީ ޕާޓީތަކާއި ހިލާފަށް ޕާޓީގެ ލީޑަޝިޕްގެ މަގާމުތަކުގައި އެންމެ ގިނަވެގެން އެކަކަށް ހުންނެވޭނީ ދެ ދައުރަށް ކަމަށް ނިންމައިފަ އެވެ. ދައުރުގެ މުއްދަތު ވަރަށް އަވަހަށް ކަނޑައެޅިގެންދާނެ ކަމަށްވެސް އެޕާޓީން ވަނީ ބުނެފަ އެވެ. އަދި މީގެ ބޭނުމަކީ ޒުވާނުންނަށް ސިޔާސީ ދާއިރާގައި ފުރުސަތު ދިނުންކަމަށްވެސް އެޕާޓީން ބުނެ އެވެ.