ސިޔާސީ ވިސްނުން ތަފާތުވި ނަމަވެސް ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
އިއްޔެ ނިމިގެންދިޔަ މިނިވަން ދުވަހާއި ގުޅުވައި މިއަދު ކުރެއްވި ޓުވީޓެއްގައި މައުމޫނު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރެވޭނީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ވަރުގަދަކޮށް ދަމަހައްޓައިގެން ކަމަށެވެ.
"ސިޔާސީ ވިސްނުން ތަފާތުވިޔަސް އަދި ގިނަ ސިޔާސީ ޕާޓީތަކެއް އަޅުގަނޑުމެންގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަނަމަވެސް ރައްޔިތުން ބައިބައިވެގެން ނުވާނެ"
- މައުމޫނު އަބްދުލް ގައްޔޫމު
ރައީސް މައުމޫނު އުފައްދަވައި ހިންގަވާ އެމްއާރުއެމްއަކީ މިވަގުތު ސަރުކާރު ހިންގާ ކޯލިޝަންގައި ހިއްސާ އޮންނަ ޕާޓީއެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައީސް މުހައްމަދު ނަޝީދާއި ދެމެދު މިހާރު އުފެދިގެން އުޅޭ އަރައިރުންވުމުގެ ތެރޭގައި ރައީސް މައުމޫނު ހުންނެވީ ސަރުކާރު ފަޅީގަ އެވެ. މައުމޫނު ވިދާޅުވާ ގޮތުގައި ރައީސް ސޯލިހާއިއެކު ގައުމު ހިންގުމުގައި ކުރިއަށް ވަޑައިގަންނަވަން ހުންނެވީ ތައްޔާރަށެވެ.
ސިޔާސީ ޕާޓީތައް އުފެދި ގައުމުގައި ބައިބައިވުމަށް ޖާގަދެވޭކަމުގެ ވާހަކައަކީ ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކަ އެކެވެ. ފިކުރު ތަފާތުވުމެއްގެ ތެރެއިން މިހާރު ބައިބައިވުން އުފެދިފައިވާކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ އެމްޑީޕީގެ މެމްބަރުންގެ ތެރޭގަ އެވެ.