ގާޒާއަށް ނިސްބަތްވާ ފޮޓޯގްރާފަރެއް އޭނާ ނަގާފައިވާ ފޮޓޯ ވިއްކައިގެން ގާޒާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީވާން މަސައްކަތް ފަށައިފި އެވެ.
އެގޮތުން އޭނާ ނަގާފައިވާ ފޮޓޯއެއް ނީލަމަށް ލައި ފެށޭ އަގުގެ ގޮތުގައި 1 މިލިއަން ޑޮލަރު ވަނީ ކަނޑައަޅައިފަ އެވެ. ޝަބާން އެލް ސޯއުސީ ނަމަކަށް ކިޔާ އެ ފޮޓޯގްރާފަރު ބުނާ ގޮތުގައި ގާޒާގެ ކުޑަކުދިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން އޭނާއަށް މަސައްކަތް ކުރެވިދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.
"ސެލީން ނަމަކަށް ކިޔާ ދެ އަހަރުގެ ކުޑަ ކުއްޖެއްގެ ފޮޓޯތަކެއް އަހަރެން ނެގިން. އެއީ ފިތުރު އީދު ދުވަހު ގާޒާއަށް އިޒްޒާއީލުން ހަމަލާތައް ދެމުން ދަނިކޮށް. އަހަރެން ހައިރާންވި ހަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެފޮޓޯއަށް ލިބުނު ތަރުހީބު ފެނިފަ. މުޅި ދުނިޔެއިން އެފޮޓޯއަށް ސަމާލުކަން ލިބުނު" ޝަބާން ކިޔައިދިނެވެ.
ޝަބާންއަކީ ފްރީލާންސް މަސައްކަތެއްގެ ގޮތުން ފޮޓޯ ނަގަން ހަރަކާތްތެރިވާ ފަރާތެކެވެ. އޭނާ މީގެ ކުރިންވެސް ވަނީ ގާޒާގެ ހާލަތު ފެންނަ އެތައް ފޮޓޮއެއް ނަގައި އާންމުކޮށްފަ އެވެ.
ސެލީން ނަމަކަށް ކިޔާ ކުޑަކުއްޖަކު ވީރާނާވެފައިވާ ކޮންކްރީޓުތަކެއްގެ މަތީގައި ކުޅޭ ބުދެއް ހިފަހައްޓައިގެން އިންނަ ފޮޓޯއަކީ އޭނާގެ އެންމެ މަގްބޫލުވެގެންދިޔަ ފޮޓޯ އެވެ. އެގޮތުން މިސްރުގެ މަޝްހޫރު ބަތަލާ ޔާސްމީން އަބްދުލް އަޒީޒްް އާއި ލެބަނަންގެ ޕޮޕްސްޓާ ހައިފާ ވެހްބީގެ އިތުރުން އެހެންވެސް ބައެއް މަގްބޫލު ފަރާތްތަކުން ވަނީ އެފޮޓޯގެ މޮޅުކަން ފާހަގަކޮށްފަ އެވެ.
ޝަބާން ބުނި ގޮތުގައި އޭނާ އެފޮޓޯ ނަގާފައިވަނީ ގާޒާއަށް އަދިވެސް އުއްމީދު އޮތްކަން ދައްކައިދިނުމުގެ މަގްސަދުގަ އެވެ. އަދި ދުނިޔެއަށް އެ ފޮޓޯ ފެނި ގާޒާގެ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ އުއްމީދުގަ އެވެ.
ޝަބާން ނީލަމަށް ލާފައިވާ މި ފޮޓޯއިން ލިބޭ ފައިސާ ހަދިޔާކުރާނީ ޔުނިސެފަށާއި ފަލަސްތީނުގެ ކުޑަކުދިންގެ ރިލީފް ފަންޑަށެވެ. އަދި އެއްބައި ސެލީންގެ އާއިލާއަށްވެސް ދޭން އޭނާ ވަނީ ނިންމައިފަ އެވެ. މި ނީލަމަށް ޔުނިސެފުންނާއި ފަލަސްތީނުގެ ކުޑަކުދިންގެ ރިލީފް ފަންޑުންވެސް ވަނީ ތާއީދު ކޮށްފަ އެވެ.
ބީބީސީއަށް މައުލޫމާތު ދެމުން ޔުނިސެފުން ބުނީ ގާޒާއަށް އެހީވުމުގެ ގޮތުން 50 މިލިއަން ޑޮލަރުގެ އެހީ ހޯދަން މިވަގުތު ހާއްސަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަކަށް ޝަބާން ނަގާފައިވާ ފޮޓޯގެ އެންއެފްޓީ ދޭނެ އެވެ. އޭރުން އެފޮޓޯގެ ފުރިހަމަ ހައްގު އެމީހަކަށް ލިބޭނެ އެވެ.