ރ. ދުވާފަރުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާއިރު އެރަށުގެ ހާލަތު ރަނގަޅު ކުރުމަށް އެ އަތޮޅު އުނގޫފާރުގައި ހުންނަ އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ޑޮކްޓަރުންނާއި ނަރުހުން ފޮނުވައިފި އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިއްޔެ ބުނީ ދުވާފަރުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އިތުރު ދެ ނަރުހުން ފޮނުވާފައިވާ ކަމަށެވެ. އަދި އިމަޖެންސީ ފަރުވާ ދިނުމަށް ފެސިލިޓީގައި އިތުރަށް ކުރަންހުރި ކަންކަން ކުރުމަށް މެޑިކަލް ސްޓާފުންވެސް ފޮނުވާފައިވާކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މީގެ އިތުރުން ހައިރިސްކު ކެޓެގަރީގެ މީހުން އެސެސްމެންޓު ހެދުމަށް ޑޮކްޓަރުންވެސް ދުވާފަރަށް ފޮނުވާފައިވާކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.
ދުވާފަރުގެ ކޯވިޑް ގެ ހާލަތު ރަނގަޅުކުރުމަށްޓަކައި
-އިތުރު 2 ނަރަުހުންވަނީ ފޮނުވިފަ
-އިމަޖެންސީ ފަރުވާ ދިނުމަށް ފެސިލިޓީގައި އިތުރަށް ކުރާންހުރި ކަންކަންކުރުމަށް މެޑިކަލް ސްޓާފުންވަނީ ފޮނުވިފަ
-ހައިރިސްކް ކެޓަގަރީގެ މީހުން އެސެސްމެންޓް ހެދުމަށް ޑޮކްޓަރުން ފޮނުވުނު @MoHmv @HPA_MV pic.twitter.com/EW4exCauN1— Ungoofaaru Regional Hospital (@urh_mv) July 30, 2021
ދުވާފަރުގައި ކޮވިޑުގެ ހާލަތު ގޯސްވެ މިހާތަނަށް އެރަށުން ވަނީ ޖުމްލަ 4 މީހަކު މި ބަލީގައި މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ އިއްޔެ އެވެ. އެއީ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެކެވެ.
އެމީހާ މަރުވުމާއިއެކު ދުވާފަރު ރައްޔިތުން ނިކުމެ ވަނީ މުޒާހަރާ ކޮށްފަ އެވެ. އެމީހުން ބުނާ ގޮތުގައި ކޮވިޑު މެނޭޖް ކުރުމުގައި އިދާރާތަކުން ވަނީ އިހުމާލުވެފަ އެވެ.
މުޒާހަރާގެ ބައިވެރިން ރޭ ބުނެފައިވަނީ ރޭ މަރުވި މީހާ މަރުވީ އިހުމާލު ވުމުގެ ސަބަބުންނެވެ. ކޮވިޑުގައި އެމީހާގެ ހާލަތު ސީރިއަސްވި ނަމަވެސް ފަރުވާ ދިނުމުގައި ލަސްތަކެއް އުޅޭކަމަށް އެމީހުން ބުންޏެވެ. އެގޮތުން މަރުވީ އޮކްސިޖަން ފޯރުކޮށް ނުދެވިގެން ކަމަށް ރައްޔިތުން ތުހުމަތު ކުރެ އެވެ.
ދުވާފަރުގައި ކޮވިޑު ކޮންޓްރޯލުން ނެއްޓި ރައްޔިތުންގެ މެދުގައި ދަނީ ހަލުވި ކަމާއިއެކު ބަލި ފެތުރެމުންނެވެ. އެގޮތުން ރެނޑަމް ސާމްޕަލިންގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވް ވަމުން ދާއިރު ބަލީގެ އަލާމާތްތައް ފެނިގެންވެސް ގިނަ ބަޔަކު ދަނީ ރިޕޯޓު ކުރަމުންނެވެ.
ދުވާފަރުގެ ކޮވިޑު ހާލަތު ގޯސްވެ އެރަށް މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެރަށުގައި ބައްޔަށް ޕޮޒިޓިވް 145 މީހުން ތިބިއިރު މިހާރު ރަށުން ރެންޑަމް ސާމްޕަލް ނެގުން ވަނީ ހުއްޓާލައިފަ އެވެ. އެއީ ބަލީގެ އަލާމާތްތައް ފެނިގެން ގިނަ ބަޔަކު ޓެސްޓު ކުރާތީ އެވެ.