ކޮވިޑް-19 ގެ މަދު ކޭސްއެއް ފެނުމާއި ގުޅިގެން ޗައިނާގެ ވޫހާން ސިޓީގައި ދިރިއުޅޭ އާބާދީ އެއްކޮށް ބައްޔަށް ޓެސްޓު ކުރަން އެގައުމުން ނިންމައިފި އެވެ.
ވޫހާން އަކީ 2019 ވަނަ އަހަރު އެންމެ ފުރަތަމަ ކޮވިޑް ބަލި ފެނުނު ތަނެވެ. 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ސިޓީގައި މި ބަލީގައި އެތައް ބަޔަކު މަރުވެ، އެތައް ހާސް މީހުންނަކަށް ބަލި ޖެހުނެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަހު ޗައިނާގައި ދިރިއުޅޭ މީހެއްގެ ފަރާތުން މި ބަލި ފެނިފައެއް ނުވެ އެވެ. މުޅިންވެސް ޕޮޒިޓިވް ވަނީ އެހެން ގައުމުތަކުން ޗައިނާއަށް ގޮސް ކަރަންޓީނުގައި ތިބޭ މީހުންނެވެ. އެހެންކަމުން ކޮމިޔުނިޓީ ސްޕްރެޑަކަށް ނުގޮސް ޗައިނާ އޮތީ ކޮންޓްރޯލް ކުރެވިފަ އެވެ.
އެހެންނަމަވެސް އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ބުނާ ގޮތުން ވޫހާން ސިޓީން 7 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. ވޭތުވެ ދިޔަ 10 ދުވަހުގެ ތެރޭގައި ޗައިނާގެ 15 ޕްރޮވިންސަކުން ގާތްގަނޑަކަށް 300 އެއްހާ ކޮވިޑް ކޭސް ވަނީ ފެނިފަ އެވެ. މިއާއެކު އެސަރަހައްދުތަކުގައި ވަނީ ލޮކްޑައުން އިއުލާންކޮށްފަ އެވެ. އަދި ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގުރާމްތަކެއް ވަނީ ފަށައިފަ އެވެ.
ބެލެވޭ ގޮތުގައި ޗައިނާއިން ގިނަ އަދަދެއްގެ ކޮވިޑު ކޭސްތަކެއް ފެންނަން މި ފެށީ ކޮވިޑުގެ އިންޑިއާ ވޭރިއެންޓު (ޑެލްޓާ ވޭރިއެންޓު) ފެތުރެން ފެށުމާއި ގުޅިގެންނެވެ. ކޮވިޑުގެ އާ ކޭސްތަކެއް ފެނުމާއިއެކު އިދާރާތަކުން އެލާޓަށް އައިސްފައިވާއިރު ޗައިނާއަކީ ދުނިޔޭގެ ހުރިހާ ގައުމަކާއި އަޅާ ބަލާއިރުވެސް އެންމެ ކާމިޔާބު ކަމާއިއެކު ކޮވިޑު ކޮންޓްރޯލްކުރި އެއް ގައުމެވެ.
މިހާތަނަށް އައިއިރު ބަލި ފެތުރެމުންދާކަމަށް ބެލެވޭ ބައެއް ހިސާބުތަކުގެ ގިނަ ބަޔަކު ވަނީ ބައްޔަށް ޓެސްޓު ކޮށްފަ އެވެ. އެގޮތުން ނަންޖިންގްގެ 9.2 މިލިއަން މީހުން ވަނީ ޓެސްޓު ކޮށްފަ އެވެ. ނަންޖިންގްއަކީ އެންމެ ބޮޑަށް ބަލި ފެތުރުމުގެ ބިރު އޮތް ސިޓީ އެވެ.
ވޫހާން ސިޓީގައި ކޮވިޑު ކޭސްތައް މަދުން ފެނުނު ނަމަވެސް އެ ސިޓީގެ އާބާދީ އެއްކޮށް ބައްޔަށް ޓެސްޓު ކުރަން ނިންމީ ބަލީގައި ބޮޑުވަރު ވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ޗައިނާގެ ބައެއް ސިޓީތަކުގައި ވަނީ އާންމު ހިދުމަތްތައް ދިނުން މެދުކަނޑާލައި ބައެއް ހިދުމަތްތައް ދިނުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އަންގައިފަ އެވެ.