އިނގިރޭސިވިލާތުގައި ދިރިއުޅޭ އަޔަލޭންޑުގެ އާއިލާއަކުން ޕެޓުންގެ ގޮތުގައި ގެންގުޅޭ ކުއްތާތަކަށް ކާން ނުދީ ވަރަށް ހާލުގައި ބަންދުކޮށްގެން ގެންގުޅުމަށްފަހު އެ އެއްޗެހި ވިއްކި މައްސަލައިގައި އެ އާއިލާއަށް ޖަލުގެ ހުކުމެއް އިއްވައިފި އެވެ.
މި ކުއްތާތަކަށް އިހާނެތިކޮށް ހިތައި އަނިޔާ ކުރުމުގެ ސަބަބުން އެތަކެތި ގަތް މީހުން ގެއަށް ގެންދިޔަތާ މާ ގިނައިރެއް ނުވެ ބައެއް އެއްޗެހި ވަނީ މަރުވެސް ވެފަ އެވެ.
އަޔަލޭންޑުގެ އާއިލާއިން ވިއްކި ބައެއް ކުއްތާތައް މަރުވުމުން އެކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނަ އެވެ. އޭގެ ފަހުން އެގެއަށް ގޮސް ބެލިއިރު އެމީހުންނަކީ ކުއްތާ ވިއްކުމުގެ ވިޔަފާރި ކުރާ ބައެއްކަން އެނގުނެވެ. އަދި ގޭތެރޭގައި ބަންދުކޮށް، މުޅި ތަން އަނދިރިކޮށްގެން ކާން ނުދީ އެތައް ކުއްތާއެއް ގެންގުޅެމުން ދާކަން ވަނީ ފަޅާ އަރައިފަ އެވެ. މިކުއްތާތައް ސާފު ނުކޮށް ގެންގުޅޭތާވެސް އެތައް ދުވަހެއް ވަނީ ވެގެން ގޮސްފަ އެވެ. އޭގެން ބައެއް ޖަނަވާރުތަކަށް އަނިޔާވެސް ކޮށްފައިވާކަމަށް ބެލެވެ އެވެ.
އިނގިރޭސިވިލާތުގައި ހުންނަ އެނިމަލް ވެލްފެއާ ޗެރިޓީ، އާރުއެސްޕީސީއޭ އިން ބުނީ ބަންދުކޮށް ޕްލާސްޓިކު ފޮއްޓެއްގެ ތެރޭގައި ބަންދުކޮށްފައި ހުރި ބައެއް ޖަނަވާރުތައް އެތަން ތެރޭގައި ތިބެ ހާސްވެގެން ނިކުންނަން އެ ފޮށި ކާން މަސައްކަތް ކޮށްފައިވާކަންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެތަނުން ނެރުނު ގިނަ ޖަނަވާރުތަކަށް ސިއްހީ އެކި މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އިންފެކްޝަނާއި އެކި ބަލިތައް ޖެހިފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
އަޔަލޭންޑުގެ އެ އާއިލާ އަތުލައިގަތީ އާރުއެސްޕީސީއޭ އާއި އިނގިރޭސިވިލާތުގެ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނަކުންނެވެ.
އެއާއިލާގެ އިތުރުންވެސް ގިނަ ބަޔަކު މި ވިޔަފާރީގައި ޝާމިލުވާއިރު ޖުމްލަ 13 މީހަކަށް ވަނީ ޖަލު ހުކުމް އިއްވައިފަ އެވެ.
ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި ޖަނަވާރު ވިއްކައިގެން އެމީހުން ވަނީ 300،000 ޕައުންޑުގެ ބޮޑު ފައިސާގެ އަދަދެއް ހޯދައިފަ އެވެ. ނުވިކި ހުރީ 54 ކުއްތާ އެވެ. އެތަކެތި މިހާރު ވަނީ އާރުއެސްޕީސީއޭ ގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިނގިރޭސިވިލާތުގައި އާބާދީގެ ބޮޑު ބައެއް ޕެޓުންގެ ގޮތުގައި ކުއްތާ ގެންގުޅެ އެވެ. އެހެންކަމުން މިއީ ޑިމާންޑު އޮންނަ ވިޔަފާރި އެކެވެ.
އިނގިރޭސިވިލާތުަގއި 2006 ވަނަ އަހަރު ފާސްކުރި ގާނޫނުގައި ޖަނަވާރު ގެންގުޅޭ ފަރާތްތަކުން އެ ތަކެއްޗަށް ސާފު ބޯފެނާއި ކާނާ ފޯރުކޮށްދިނުމަކީ މަޖުބޫރު ކަމެކެވެ. އެތަކެތި ދިރިއުޅޭނެ އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުމުގެ އިތުރުން ބޭސްފަރުވާގެ ކަންކަންވެސް ރަނގަޅަށް ބަލަަހައްޓަން ގާނޫނުން ވަނީ ލާޒިމް ކޮށްފަ އެވެ. އެހެންކަމުން ޕެޓުންގެ ގޮތުގައި އެއްވެސް ބާވަތެއްގެ ޖަނަވާރެއް ގެންގުޅޭނަމަ މިކަންކަން ކުރަން ޖެހެ އެވެ.
ގާނޫނާއި ހިލާފުވާނަމަ ފިޔަވަޅު އެޅުމުގެ ބާރު ތަންފީޒީ އިދާރާތަކަށް އޮންނާނެ އެވެ.