މާލޭގެ މަގުމަތީގައި ގިނަދުވަސްވެ ހަލާކުވެފައި ހުރި އުޅަނދުތައް ނެގުން މާލެ ސިޓީ ކައުންސިލުން ވަގުތީގޮތުން ހުއްޓާލައިފި އެވެ.
މާލޭގެ މަގުތައް ސާފުކުރުމުގެ ގޮތުން މަގުމަތީގައި ހުރި ބޭނުން ނުކުރާ ވެހިކަލްތައް ނަގަން މާލެ ސިޓީ ކައުންސިލުން ފެށީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް އެމަސައްކަތް ވަގުތީ ގޮތުން ހުއްޓައިލީ އުޅަނދުތައް ނެގުމުގައި އިންސާފުވެރި ނޫންކަމަށް ބުނެ ގަލޮޅުގެ ރައްޔިތުން މިމަހުގެ ފަސް ވަނަ ދުވަހު ފާޅުކުރި ހިޔާލަކާއި ގުޅިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވުމުންނެވެ.
ގަލޮޅު ބައްދަލުވުމުގައި މީހަކު ބުނީ ކޮވިޑް-19ގެ ދަތި ދުވަސްވަރު ރައްޔިތުން އެތަން މިތަނުގައި ތާށިވެފައިވާއިރު، އެ ރައްޔިތުން ދުއްވަމުން ގެންދިޔަ އުޅަނދުތައް މަގުމަތީގައި ހުންނާނެ ކަމަށާއި އެފަދަ އުޅަނދު ތަކަކީ ބޭނުންނުކުރެވި ދޫކޮށްލެވިފައިވާ އުޅަނދުތައް ކަމުގައި ބަލައިގެން ނެގުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ. ބައެއް ފަހަރު ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ އުޅަނދު ބަހައްޓާފައި ޖެހިގެން ހުންނަ އުޅަނދުވެސް ގެންދާތި އެކަން ވަނީ އެމީހާ ފާހަގަކޮށްފަ އެވެ.
މި ހިޔާލާއި ގުޅިގެން މޭޔަރު ނިންމެވީ އުޅަނދުތައް ނަގަމުން ދިޔައީ އެންމެ އިންސާފުވެރި ގޮތަށް ނޫން ކަމަށްވާތީ އެކަމުގައި އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި އެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭގެ ގިނަ މަގުތަކެއް ވަނީ ޕާކުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތަކުން ފުރިފަ އެވެ. މީގެ ސަބަބުން ޕާކު ކުރުމުގެ ޖާގަ ގެއްލި މަގުތައް ތޮއް ޖެހެ އެވެ. މާލެ ސިޓީ ކައުންސިލުން އެދިފައިވަނީ ގިނަ ދުވަސްވެ ހަލާކުވެފައިވާ އުޅަނދެއް މަގުމަތީގައި ހުރި ނަމަ އެމީހަކު އަމިއްލައަށް އެތަކެތި ނެގުމަށެވެ. ނޫންނަމަ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ހިންގާ ހަރަކާތުގައި އެތަކެތި ނަގާނެ ކަމަށާއި އެމަސައްކަތުގައި އުޅަނދުތަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ އެފަރާތުން ނުނަގާނެ ކަމަށެވެ.