ހާއްސަ ހާލަތްތަކުގައި ރަށްރަށަށް ބަދަލު ކުރާ ޓީޗަރުންނަށް އެލެވެންސެއް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެގޮތުން ވަކި ރަށެއްގައި ބައެއް މާއްދާތައް ކިޔަވައިދޭނެ ޓީޗަރުން ނެތުމުން އެހެން ރަށްރަށުން ދާ ޓީޗަރުންނަށް ހާއްސަ އެލެވެންސެއް ދޭން އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ގުރުއާނާއި އަރަބި ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެނަސްފަ އެވެ. އެހެންނަމަވެސް އެ ޓީޗަރުންގެ ބަދަލުގައި ދިވެހިން ހޯދައި ޓީޗަރުންގެ ގޮތުގައި ވަޒީފާ ހަމަޖައްސަން އެ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއާއިން ގެނައީ 10 ޓީޗަރުން ކަމަށާއި އެމީހުން ފަސް ރަށަކަށް ފޮނުވާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަގާމުތަކަށް އިންޑިއާ ޓީޗަރުން ހަމަޖެއްސީ ތަކުރާރުކޮށް މަސައްކަތް ކުރުމަށްފަހު ދިވެހިން ނުލިބުމުންކަމަށް މިނިސްޓްރީން ބުނެ އެވެ.
ޓީޗަރުން ތަމްރީނު ކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެގޮތުން މި މަހުގެތެރޭގައި ޤުރުއާން މާއްދާއަށް ހާއްސަކޮށްގެން މުދަރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.