ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެއްވެސް އާމްދަނީއެއް ނުލިބެނީ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި މޯލްޑިވްސް ސެންޓާ ފޮ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އާއި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން (އެމްއެސްސީއެލް) އަށެވެ.
މި ކުންފުނިތަކުގެ ތެރެއިން އެފްޑީސީ އާއި އެމްއެފްއެމްސީގެ އިތުރުން އެމްސީއައިއެފްއަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ.
ޕީސީބީގެ މާލީ ހިސާބުތައް ބުނާ ގޮތުން އެންމެ ދަށް އާމްދަނީއެއް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ ހައްޖު ކޯޕަރޭޝަނަށެވެ. އެގޮތުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނުކަމަށް ރިޕޯޓުކޮށްފައިވަނީ އެންމެ 525 ރުފިޔާ އެެވެ.
ހައްޖު ކޯޕަރޭޝަނަށް ގެއްލުން ވެފައިމިވަނީ ކޮވިޑް-19 ގެ ސަބަބުން އެކުންފުނީގެ ވިޔަފާރި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައި ނުވާތީ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު މި އަހަރުގެ މިމުއްދަތުގައި ކުންފުނިތަކުން ލިބުނު އާމްދަނީ ވަނީ 14 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެއީ ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ ޖުމްލަ 7.09 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.