މޮނިޓަރިން ހާލަތުގައި އޮންނަ ރަށެއް އެ ހާލަތުން ނެގި ނަމަވެސް ރަށުގެ އާބާދީގެ 60 އިންސައްތަ މީހުން ކޮވިޑް-19 ދިފާއު ވެކްސިން ފުރިހަމަ ނުކުރާނަމަ ރަށުން ފުރުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރަން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިގޮތަށް އަމަލު ކުރަން ފެށީ ހއ. ދިއްދޫއިން މޮނިޓަރިން ހާލަތު އުވާލުމާއި ގުޅިގެންނެވެ. އެގޮތުން ދިއްދޫ މޮނިޓަރިންއިން ނެގިކަން އަންގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ފޮނުވި ލިޔުމުގައި ބުނެފައިވަނީ ރަށުގެ 60 އިންސައްތަ މީހުންނަށް ވެކްސިން ދެވެންދެން ރަށުން ބޭރަށް ފުރާ މީހުން ކޮވިޑަށް ޓެސްޓު ކުރަންޖެހޭނެ ކަމަށެވެ.
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރަށުގެ ފަސް އިންސައްތަ އާބާދީގެ ރެންޑަމް ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓު ކުރަންވެސް އެޗްޕީއޭއިން ދިއްދޫއަށް ވަނި އަންގައިފަ އެވެ. ދިއްދޫގައި މިހާތަނަށް ވެކްސިން ދީފައިވަނީ ވެކްސިން ދެވޭ އާބާދީގެ އެންމެ 39 އިންސައްތަ އަށެވެ.
މީގެ ކުރިން ހދ. ކުޅުދުއްފުށި މޮނިޓަރިން ހާލަތުން ނެގިއިރު ފޮނުވި ލިޔުމުގައި ބުނެފައިވަނީ ރަށުގެ ފަސް އިންސައްތަ އާބާދީގެ ރެންޑަމް ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓު ކުރުމަށެވެ. އެރަށުގެ އާބާދީގެ 73 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާތީ ރަށުން ބޭރަށް ފުރާއިރު ބައްޔަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާ ބޭނުންވާނެކަން އަންގާފައެއް ނުވެ އެވެ.
ސަރުކާރުން ދަނީ ކޮވިޑް ވެކްސިން ފުރިހަމަކުރާ މީހުންނަށް ބޮޑެތި ލުއިތަކެއް ދެމުންނެވެ. އެގޮތުން ބައެއް އާންމު ހިދުމަތްތައް ހޯދުމުގައިވެސް ލުއިތަކެއް ދީ ވެކްސިން ނުޖަހާ މީހުންނަށް ހިދުމަތް ދިނުމުގައި ތަފާތު ކުރުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ވިޔަފާރިތަކަށްވެސް ދީފަ އެވެ.