މިއަދު ހެނދުނު ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ގިނަ ވަގުތުތަކެއްވަންދެން ނުފަށައި ލަސްކުރުމަށްފަހު، އެ އަޑުއެހުން އެހެން ދުވަހަކަށް ތާވަލުކޮށްފި އެވެ.
މިއަދު ހެނދުނު 9:00 އަށް ތާވަލުކޮށްފައިވަނީ މަނީލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާތަކުގެ ޝަރީޢަތުގެ އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުން ފެއްޓެވިއިރު މި މައްސަލާގައި ރައީސް ޔާމީނުގެ އިތުރަށް ދައުވާ އުފުލާފައިވާ ސަން ކުންފުނިތަކާއި، އަޙްމަދު ކުރިކް ރިޟާވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިއަދު މަޖިލިސް ކުރިއަށްގެންދަން ނިންމާފައި އޮތީ މައްސަލާގައި ދައުވާ ލިބޭ ތިން ފަރާތްވެސް ހިމަނައިގެންނެވެ.
ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން އަޑުއެހުން ފެށިފައިވަނީ 10 ޖަހައި ބޮޑުވިފަހުންނެވެ. ޓެކްނިކަލް މައްސަލަތަކެއް ދިމާވީ ކޯޓުގެ މާލަންތަކުގެ އިތުރަށް ރާއްޖެއިން ބޭރުގައި ހުންނެވި ދައުލަތުގެ ވަކީލުގެ އޮފީހާ އޮންލައިންކޮށް ގުޅުމުގައި މައްސަލަތަކެއް ދިމާވުމުންނެވެ. އަޑުއެހުން ފެއްޓެވުމާއެކު މި މައްސަލާގައި ހިމެނޭ ސަން ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކުންފުނި ތަމްސީލުކުރުމަށް އައު ވަކީލެއްވަނީ އައްޔަންވެފަ އެވެ.
ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލު ނިންމެވީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާފައިނުވާތީ ސަންގެ ދެ ކުންފުންޏާއި ކުރިކް ރިޟާގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅުމަށް ވަކިވަކިން އަޑުއެހުންތަކެއް ބޭއްވުމަށެވެ.
ސަން ކުންފުނިތަކާއި ކުރިކު ރިޟާގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމުގެ އަޑުއެހުން ބާއްވަން ޤާޟީ ނިންމެވީ މި މަހުގެ 16 ވަނަ ދުވަހަށެވެ.