ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި، ހިދުމަތްދޭ ގެތަކުގެ ބޭރުގައި 24 ގަޑިއިރު ފުލުހުން ފޯރި މަރަމުން ގެންދަން ނިންމާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
މާލޭގައި ޑްރަގުގެ ހިދުމަތް ދެމުން ގެންދިޔަ ގެއެއްގެ ވެރިފަރާތަށް ފުރަތަމަ ފަހަރަށް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ދައުވާ ކޮށްފަ އެވެ. މިއާއެކު އެފަދަ 25 ގެއެއް ފާހަގަކުރެވި އެ ގޭގޭގެ ވެރިފަރާތަށް ފުލުހުން ގާނޫނީ އިންޒާރު ދީފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން އިއްޔެ ވަނީ މިފަދަ ތަންތަން ބަންދުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. ރޭ ފުލުހުން ބުނީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުން ގެންދާ ގެތަކުގެ ބޭރުގައި 24 ގަޑިއިރު ފުލުހުން ފޯރިމަރަން ބައިތިއްބަން ނިންމާފައިވާ ކަމަށެވެ. އަދި އެތަންތަނަށް މީހުން ވަނަނުދީ ހިފެހެއްޓުމަށް މިއޮޕަރޭޝަންގައި މަސައްކަތް ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިފަދަ އަށް މައްސަލައެއްގައި ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ. އަދި އިތުރު 4 މައްސަލައެއްގެ ތަހުގީު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ގެތަކަކަށް ވަނީ ވަދެފަ އެވެ. ބައެއް ގެތަކަށް ވަނުމުގެ ފުރުސަތު މީޑިއާތަކަށްވެސް ދިނެވެ. އެގޮތުން އެފަދަ ގޭގޭގައި މޭޒާއި ގޮނޑި ބަހައްޓައި، ފައިސާ ދެއްކުމުން މަސްތުވާތަކެތި ދީ އެތަކެތި ބޭނުންކޮށް އެ ގެއިން ނިކުންނަން އަންގަ އެވެ. އެފަދަ ގޭގެއަށް ވަންނަން މީހުން ކިއު ހަދާފައި ތިބެ އެވެ.
ކެފޭ އުސޫލުން ހިންގާ އެފަދަ ތަންތަން ހުންނަނީ ފުލުހުންނަށް ނުވަދެވޭނެހެން ދަގަނޑުން ގޭޓު ހަދައި ސެކިއުރިޓީގެ ކަންކަންވެސް ވަރަށް ވަރުގަދަ ކޮށްފަ އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ ހިދުމަތް މިގޮތަށް ދޭ ގެތަކުގެ ވެރިފަރާތަށް އެކަން ކުރާ ކަމުގެ މައުލޫމާތު ލިބި އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެތަންތަން ހުއްޓުވަން ދަތިވަނީ ވެރިފަރާތުންވެސް އެކަމަށް އެއްބާރުލުން ދޭތީ ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.