މިހާރު އޮންނަ ވެރިކަމުގެ ނިޒާމުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަޒީރުކަމަށް ބޭފުޅުން އައްޔަނުކުރަނީ ގާބިލުކަމަށް ބެލުމަށްފަހު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ބިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ލޯކަލް ޓީވީ ޗެނަލެއްގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ވެރިކަމަށް އަންނަން ކުދި ސިޔާސީ ޕާޓީތަކާއިއެކު ކޯލިޝަން ހަދަން ޖެހިފައިވަނީ މިހާރު ވެރިކަން ހިންގާ ނިޒާމުގެ ސަބަބުން ކަމަށެވެ. އަދި އެހެންވެ އެ ޕާޓީތަކުގެ ސްލޮޓުގައި ވަޒީރުކަމަށް އައްޔަނުކުރަނީ އެކަމަށް އެންމެ އެކަށޭނަ ބޭފުޅުން ނޫންކަމަށް ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވަޒީރުން އައްޔަނުކުރާއިރު ކަމާއި ނުވެސް ގުޅުންހުރި ފަރާތްތައް އައްޔަނުކުރާ ކަމަށާއި މީގެ ސަބަބުން ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދަން އުނދަގޫވެ އެކަންކަން ހުއްޓިގެންދާކަމަށެވެ.
ހަލީމް ވިދާޅުވި ގޮތުގައި ވަޒީރުންނަކީ ގާބިލު ބޭފުޅުންނަށް ހެދުމުގެ ފުރުސަތު ބަރުލަމާނީ ނިޒާމެއްގައި ބޮޑުވާނެ އެވެ. އެގޮތުން ބަރުލަމާނީ ނިޒާމުގައި ވަޒީރުންވެސް ހޮވާނީ އިންތިހާބަކުން ކަމަށް ވިދާޅުވި އެވެ.
ހަލީމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރައްޔިތުން އިންތިހާބު ކުރާ މަންދޫބުންނާއި ކަންކަން ހަވާލުކޮށްފައި އޮންނައިރު އެ ފަރާތާއި ރައްޔިތުން އިންތިހާބުކޮށްފައިވާ ރައިސަކާއި ދެމެދަށް ވަޒީރުންތަކެއް ލީމާއި ތަރައްގީގެ މަސައްކަތްތަކަށް ބޮޑު ހުރަހެއް އެޅިފައިވާކަމަށެވެ. އެއިރެއްގައި ހުންނަ ރައީސަކަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި ރައްޔިތުންނަށް ޖަވާބުދާރީ ވާން ވަޒީރުންނަށް ޖެހުމަކީ ނިޒާމު ހިންގަން މުހިންމު ކަމަކަށް ވާނެ ކަމެއް ކަމަށް ހަލީމް ވިދާޅުވި އެވެ.